ޕީޕީއެމް

ޕީޕީއެމުން ސުޕްރީމް ކޯޓު ކައިރީ މުޒާހަރާ ކުރަނީ

ސްޕްރީމް ކޯޓު ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކުއްލިގޮތަކަށް މުޒާހަރާކުރަން ފަށަފައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މި ހަރަކާތް ކުރިއަށްދަނީ ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާތީ ކަމަށެވެ.

މި ހަރަކާތުގެ އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

މުޒާރަހާގެ ބައިވެރިން ގޮވާލަމުންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދި ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވައިލަމުންނެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. އެކަމިކުފާނު ވަނީ 22 ނުކުތާއެއް ކޯޓުގައި ހުށަހަޅާފަ އެވެ. މައިގަނޑު ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައި ވަނީ ދަށު ކޯޓުތަކުން މައްސަލަ ނިންމުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.