މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ ރަޖިސްޓްރީކުރަން ހުށަހަޅަނީ

Sep 12, 2021

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

އެމްއެންޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް މިއަދު އަވަސް އަށް ވިދާޅުވީ ބުދަ ދުވަހު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ރަޖިސްޓްރޭޝަނަށް މިދަނީ 5،000 ފޯމާއި އެކު. ހުރިހާ ފޯމެއް ވެސް މިހުރީ އިލެކްޝަންސްގެ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށްފައި. އަދި އަޅުގަނޑުމެން ޑަބަލް ޗެކް ވެސް ކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން އެމްއެންޕީ އަށް 10،000 މެންބަރުން ހަމަކުރުން ކަމަށެވެ. އަދި މިހާރު ކުރެވޭ މަސައްކަތްތަކަށް ބަލާއިރު އެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ.

އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ދަނީ ބައިވެރިވަމުންނެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފަ އެވެ.

އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.