ޅ. އަތޮޅުގައި ކުރިއަށްދިޔަ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕުގެ ތެރެއިން ހޮނިހިރު ދުވަހު ޅ. ކުރެންދޫއާ ބައްދަލުކުރި މެޗު ޒުވާން ޓީމު ކާމިޔާބުކޮށްފި އެވެ.
ކުރެންދޫ ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 5-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ޒުވާން ޓީމުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އާއި، ނޫހް ތައުމީނާއި، މުހައްމަދު ޖައިލަމް (އޮގީ) އާއި، ޒަޔާން ނަސީރު އަދި މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ޝަމާލެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު 23 އަހަރުން ދަށުގެ ޓީމާއި ނައިފަރު ބައްދަލުކުރި މެޗާއި ހޯމަ ދުވަހު ނ. ހޮޅުދޫ އާއި ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އަދި އަންގާރަ ދުވަހު ނ. ކުޑަފަރީ އާއި ބައްދަލުކުރި މެޗުން ޒުވާން ޓީމު މޮޅުވީ 8-3 ގެ ނަތީޖާ އަކުންނެވެ. އެއަށްފަހު ޒުވާން ޓީމު ވަނީ ބުދަ ދުވަހު ޅ. ހިންނަވަރަށް ދަތުރުކޮށްފަ އެވެ.
ހިންނަވަރުގައި ޓީމު ފުރަތަމަ ބައްދަލުކުރީ ރ. މީދޫއާ އެވެ. އެ މެޗުން ޒުވާން ޓީމު މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޒުވާން ޓީމުން ޅ. އަތޮޅުގައި ކޭމްޕު ކުރަން ނިންމީ މިއަންނަ މަހު އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗު ތަކަށް ތައްޔާރު ވުމަށެވެ.
މި ދަތުރުގެ ކުރިން ވަނީ ޒުވާން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނެގުމަށް ޓްރަަޔަލްއެއް ވެސް ބާއްވާފަ އެވެ. މި ޓްރަޔަލް އަށް ފަހު ދަތުރުގައި ބައިވެރިވީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ.
ކޮލިފިކޭޝަންގައި ރާއްޖޭގެ މެޗުތައް އޮންނާނީ މި އަންނަ އޮކްޓޫބަރު މަހުގެ 27 އިން 31 އަށް އުޒްބަކިސްތާނުގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ އިރާން، ބަހުރެއިން އަދި އަފްގާނިސްތާން އެވެ.
ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިރާނާ އެވެ. އޭގެ ފަހުން 29 ވަނަ ދުވަހު ދެވަނަ މެޗުގައި ބަހްރެއިނާއި ވާދަކުރުމަށް ފަހު ތިންވަނަ މެޗުގައި އަފްގާނިސްތާނާއި ބައްދަލުކުރާނީ 31 ވަނަ ދުވަހު އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނީ ކޮލިފިކޭޝަންގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށްދާ ޓީމެކެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.