ރާއްޖޭގެ ފުރަތަަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީން ދީދީގެ މަރުގެ މައްސަލަ އިންތިގާލީ އޮފީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ އެ އޮފީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.
ރަޝީދު ހުށަހެޅުއްވި މައްސަަލައި ބުނެފައިވާ ގޮތުގައި ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށް ފަހު ފަތްޖެހިނދުކޮޅަކަށް ލައިގެން ގެނެސް އެމަނިކުފާނު ޝަރީއަތަށް ހާޒިރުކުރީ އެމަނިކުފާނުގެ ކަރާމާތް ގެއްލޭ ގޮތަށެވެ. އަދި އެކަމާމެދު ކަންބޮޑުވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ސާފުކުރަން ބޭނުންވާ ކަމަށެވެ.
ރައީސް އަމީނަށް އަނިޔާކޮށް ހަވަރަށް ދިނީ ކޮންބައެއްކަން މިއަދާ ހަމައަށް ވެސް ސާބިތުވެފައި ނުވާތީއާއި އެކު އެ މީހުންނާ މެދު ޝަރީއަތްކޮށްފައިވޭތޯ ބަލައި ކަންކަން ސާފުކުރަން ވެސް ހުށަހަޅާފައިވެ އެވެ. އަދި ހަވަރަށް ދިން މީހުންނަށް އިންސާފުގެ ތެރެއިން ނިޔާއެއް ކަނޑައަޅަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ،
އޭގެ އިތުރުން ރައީސް އަމީނަކީ ޚާއިނެއް ކަމަށް ޝަރީއަތުން ނިންމާފައިވާ ކަމަށް ވާހަކަތައް ދެކެވިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ތާރީހީ ލިޔުމަކުން އެކަން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެކަންވެސް ސާފުކޮށްދިނުމަށް ހުށަަހަޅާފައިވެެ އެވެ.
ރައީސް އަމީން ރައީސްކަމުގެ މަގާމު ފުރުއްވީ 1953 ވަނަަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޮގަސްޓު މަހަށެވެ. މަގާމުން ދުރުކުރީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރީ ވިހަމަނާފުށީ ނުވަތަ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓްގަ އެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހުން ވަރަށް ކުރީގެ މައްސަލަ ބެލުމުގެ ބާރުވެސް ދީފައިވެ އެވެ. އެގޮތުން ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމުގެ ބާރު އެ އޮފީހަށް ލިބިެގެންވެ އެވެ. ނަމަވެސް ކުރީގެ މައްސަލަތައް ބެލުމުގައި ތާރީހީ ލިޔެކިޔުން ހޯދަން ދަތިކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.