ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ކެމްޕޭން ރަސްމީކޮށް ފަށަނީ

ރާއްޖޭގައި މިއަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކެމްޕޭނެއް މިރޭ ރަސްމީކޮށް ފަށާނެ އެވެ.

މި ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރުން އޮންނާނީ މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއީ ރާއްޖޭއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރާ ދެވަނަ ފަހަރެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް މުބާރާތް ހޯސްޓު ކުރީ 2008 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް ރާއްޖެއިން ހޯސްޓު ކުރީ އަވައްޓެރި ސްރީލަންކާ އާއި ގުޅިގެންނެވެ.

މިފަހަރުގެ މުބާރާތަށް ގައުމީ ޓީމު އެކުލަވާލަފައިވަނީ މުޅިންވެސް ދިވެހިން ހިމެނޭ ގޮތަށެވެ.

ސުޒޭން ހެޑް ކޯޗަކަށް ހަމަޖެއްސި އިރު، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމަށް މިފަހަރު ހަމަޖައްސާފައިވަނީ އިސްމާއިލް މަހްފޫޒް (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އެވެ. އިމްރާން ވަނީ މުހައްމަދު އަސްލަމް އަބްދުލްރަހީމް އާއި އެކު ގޯލު ކީޕަރު ކޯޗެއްގެ ގޮތުގައިވެސް ހިމަނާފަ އެވެ. ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި ހުންނާނީ އަބްދުﷲ ރިފާއު އެވެ.

އެފްއޭއެމްގެ އަމާޒަކީ ރާއްޖޭގައި ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމެވެ. އެ ފޯރި ގެނައުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.