ދުންޔާ މައުމޫން

ޔޫޓީއެފް އެއްބަސްވުން ހެދީ ނާޒިމެއް ނޫން: ދުންޔާ

އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކީ ޑިފެންސް މިނިސްޓަރަކަށް ކާނަލް މުހައްމަދު ނާޒިމް ހުންނެވި ދުވަސްވަރު ހަދާފައިވާ އެއްބަސްވުމެއް ކަމަށް ކުރެވޭ ތުހުމަތު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދޮގުކުރައްވައިފި އެވެ.

ނާޒިމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ އޭނާގެ ދިފާއުގައި ދުންޔާ ވާހަކަ ދައްކަވާފައި މިވަނީ ނާޒިމްއާ ގުޅުވާ އިދިކޮޅު ކޯލިޝަނުން އެ ވާހަކަތައް ދައްކަން ފެށުމުންނެވެ. އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ޔޫޓީއެފް އެއްބަސްވުމުގައި ސޮއިކުރެއްވީ ނާޒިމް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެ އެއްބަސްވުން އެކުލަވާލެއްވިއިރު ވެރިކަމުގައި ހުންނެވި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ދިފާއު ކުރައްވާ ނާޒިމް އެ އެއްބަސްވުން އެކުލަވާލެއްވީ އޮޅުވާލައިގެން ކަމަށް ދޭހަވާ މޭރުމުން ވަނީ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް އެ ވާހަކަތަައް ރައީސް ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދޮގުކުރައްވައެވެ. ނާޒިމް މަގާމުން ވަކިކުރެއްވުމާއި ހަމައަށްވެސް ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ދުންޔާ މައުމޫން ވިދާޅުވީ ޔޫޓީއެފް އެއްބަސްވުން ހެދީ ނާޒިމްގެ މިނިސްޓަރު ކަމުގައި ނޫން ކަމަށެވެ. އަދި އެއީ އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ޔަގީން ކޮށްދެއްވާ ކަމެއް ކަމަށެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ހުއްދައެއް ނެތި އެއްވެސް އެގްރީމަންޓެއްގައި އޭނާވެސް އަދި ނާޒިމްވެސް ސޮއިކުރައްވާފައެއް ނުވާނެ އެވެ.

"ރައީސް ޔާމީނުގެ ދައުރުގައި ހާރިޖީ ވަޒީރުކަން ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޔަގީންވޭ ޔޫޓީއެފް އެގްރިމެންޓް ހެދީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހުންނަވައިގެނެއް ނޫންކަން. އަދި އެ ސަރުކާރުގައި އަޅުގަނޑުވެސް ނާޒިމްވެސް ރައީސް ޔާމީނުގެ ހުއްދަ ނުނަގައި އެއްވެސް އެގްރިމެންޓެއްގައި ސޮއިކޮށްފައެއް ނޯންނާނެ،" ދުންޔާ ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމެއް ކުރީ ސަރުކާރުން ހަދާފައިވަނިކޮށް އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް ބަނދަރަކާއި ޒަމާނީ ނޭވަލް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ރާއްޖެއިން އަލުން ސޮއިކުރީ މިދިއަ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އުތުރު ތިލަފަޅު އެއްބަސްވުމުގައި ނޭނގޭ އަދި ކަން ބޮޑުވާ ކަންތައްތައްތަކެއް ހިމެނޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. ނަމަވެސް އެކަމުގައި ނުރައްކަލެއް ނެތް ކަަމަށް ސަރުކާރުން ބުންޏެވެ.

އިދިކޮޅުގެ ފާޑުކިޔުން ނާޒިމަށް އަމާޒުވީ އަވަސްގެ ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޔާމީނަށް ނާޒިމް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ. ނާޒިމް ވަނީ ރައީސް ޔާމީނާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެއީ އަލުން ވެރިކަމަށް ގެނައުމަށް "ކުފޫ" ހަމަވާ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު މާފު ކުރަން އިނގޭތޯ. އެހެން ނަމަވެސް ސިޔާސީ ގޮތުން އަޅުގަނޑު ރައީސް ޔާމީނާއެކު މަސައްކަތް ކުރާނެ އެއްވެސް މަރުހަލާއެއް ނާންނާނެ. އެއީ އިރާދަކުރެއްވިއްޔާ ނުވާނެ ކަމެއް އެނގޭތޯ. އެއީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ސިޔާސީ ގޮތުން އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނަވާކަށް. އެއީ މިހާތަނަށް އަޅުގަނޑަށް ކުރެވުނު ތަޖުރިބާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑެއް ޔާމީން އަރިހުގައި މަސައްކަތެއް ނުކުރާނެ. އެއީ ވަރަށް ސާބިތުކަމާއެކު ދަންނަވާ ވާހަކައެއް،" ރައީސް ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ވާހަކަތައް ރަައްދު ދިނުމަށް ރޭ ޕީޕީއެމުން ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވަނީ ނާޒިމަށް ވަރަށް ބޮޑަށް ތުހުމަތު ކުރައްވާ ފާޑުވިދާޅުވެފައެވެ.