އާދަމް ޝަރީފު އުމަރު

ޔާމީން މިނިވަން ކޮށްދީ، ޖާމިނުވާން ތައްޔާރު: އާދަމް ޝަރީފް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރަންޖެހޭ ކަމަށާއި އެކަމުގައި މީހަކު ޖާމިނު ކުރަން ޖެހޭނަމަ ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނު ޖާމިނު ޖާމިނުކޮށްފައި ނަމަވެސް ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށާއި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ސުޕްރީމްކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށިފައިވާއިރު ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައެވެ.

ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާނަމަ މައިގަނޑު ތިން ކަމެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޝަރުތުތަކަކާއެކު ދޫކޮށްލުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ދެވަނަ ކަމަކީ ފައިސާ ދީފައި ކަފާލާތުގެ ދަށުން ދޫކޮށްލުން ކަމަށާއި ތިން ވަނަ ކަމަކީ ޖާމިނުކޮށްފައި ދޫކޮށްލުން ކަމަށްވީއިރު މި ތިން ގޮތުން ކުރެ ގޮތަކުން ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ސާބިތު ކަމާއެކީގައި މިދަންނަވަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ރައީސް ޔާމީންއަށް ކަފާލާތު ދިނުމަށްޓަކައި ޖާމިނުވުމަށް އަޅުގަނޑު މިހިރީ ހަމަގައިމުވެސް ތައްޔާރަށް. އަޅުގަނޑު އެކަންޏަކުން ނިންމައެއްނުލަން. އަޅުގަނޑު ދަންނަވާނީ މިތާތިޔަ ތިއްބެވި ކޮންމެ ބޭފުޅަކުވެސް ރައީސް ޔާމީނަށް ކަފާލާތު ދިނުމަށް ތައްޔާރަށޭ ތިއްބަވާނީ. ރާއްޖޭގައި ތިބި އެއްލައްކަ ފަންސާސްހާސް މީހުންވެސް ތިއްބަވާނީ ތައްޔާރަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ. "ހަނދާން ހުންނާނެ ހަމަ ސުޕްރީމް ކޯޓުން އެބަހުރި ކަފާލާތުގެ ދަށުން ބައެއް ބޭބޭފުޅުން ދޫކޮށްލައްވާފައި. ރައީސް މައުމޫން ދޫކޮށްލެއްވި. ގާސިމް އިބްރާހީމްވެސް ދޫކޮށްލެއްވި. ފާރިސް މައުމޫންވެސް އަދި އިމްރާންވެސް ދޫކޮށްލެއްވި. އަޅުގަނޑުމެން ރައްޔިތުން މިއަދު އިންތިޒާރު ކުރަމުން މިދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުށައަޅުއްވާފައިވާ ހުށައެޅުއްވުމަށް ވެސް އިންސާފުވެރި ހުކުމެއް ލިބިގެންދާނެ ކަމަށް،"

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. އެކަމިކުފާނު ވަނީ 22 ނުކުތާއެއް ކޯޓުގައި ހުށަހަޅާފަ އެވެ. މައިގަނޑު ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައި ވަނީ ދަށު ކޯޓުތަކުން މައްސަލަ ނިންމުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.