ހަބަރު

ނޫޑުލްސް ކޭހާއި ދެ ގަނޑު ދޮންކެޔޮ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ނޫޑުލްސް ކޭހާއި ދެ ގަނޑު ދޮންކޮޔޮ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތަފާތުދެ މައްސަލައަކާއި ގުޅިގެން ދެމީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާނެ ކަމަށާއި އެކަކު ހައްޔަރު ކުރީ ފިހާރައަކުން ތިން ކޭސް ނޫޑުލްސް ވަގަށް ނަގާގެން އަދި އަނެކަކު ހައްޔަރު ކުރީ ލޯކަލް މާރުކޭޓުން ދެ ގަނޑު ދޮންކެޔޮ ވަގަށް ނެގި މައްސަލާގައި ކަމަށް ފުލުހުން ބުންޏެވެ.

ފިހާރައަކުން ތިން ނޫޑުލްސް ކޭސް ވަގަށް ނެގީ އުމުރުން 40 އަހަރުގެ މީހެކެވެ. އަދި ދެ ގަނޑު ދޮންކެޔޮ ވަގަށްނެގީ 28 އަހަރުގެ މީހެކެވެ. މިދެމީހުން ވެސް މަސްތުވާތަކެއްޗާއި މާރަމާރީގެ މައްސަލާގެ ރިކޯޑުތަށް ހުރި ބައެއް ކަމަށް ފުލުހުން ބުންޏެވެ.

މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ދެ މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑީޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.