ބޮލީވުޑް

ކެޓުރީނާ އެންގޭޖްވީކަމެއް ވިކީގެ އާއިލާއަކަށް ނޭނގޭ

ވިކި ކޯޝަލް އާއި ކެޓުރީނާ ކައިފް ލޯބީގެ ގޮތުން ގުޅުނުތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އެހެނިހެން ފިލްމީ ތަރިންނެކޭ އެއްގޮތަށް މި ދެ އެކްޓަރުން ވެސް އެމީހުންގެ ގުޅުން މީޑިއާއަކަށް ކިޔައެއް ނުދެ އެވެ. ނަމަވެސް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ޔަގީން ކޮށްދީފައިވާ ގޮތުގައި ވިކީ އާއި ކެޓުރީނާގެ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މި ގުޅުން ކައިވެންޏަށް ބަދަލުވާން ތައްޔާރުވަމުންދާ ކަމުގެ ވާހަކަތަކެއް އަޑުވެސް މި ފަހަކުން ވަނީ ވަރަށް ގަދަވެފަ އެވެ. އަދި ދެ މީހުން އެންގޭޖްވީ ވާހަކައިގެ އަޑު ގަދަވެ ވިކީ އާއި ކެޓުރީނާގެ ފޭނުން މިކަމާ އުފާކޮށް މި ދެ މީހުންނަށް ތަހުނިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައި ވެއެވެ.

ނަމަވެސް ވިކީގެ ކޮއްކޮ ސަނީ ކޯޝަލް ބުނި ގޮތުގައި އޭނާ އަށާއި ވިކީގެ މައިންބަފައިންނަކަށް މިކަމާ ގުޅޭ އެއްވެސް ކަމެއް ނޭނގެ އެވެ. މި ހަބަރު ނޫސްތަކުން ކިޔާފައި އާއިލާގެ މީހުން ބިނދިބިނދިފައި ހީނ ހެދި ކަމަށް ސަނީ ބުންޏެވެ.

ސަނީ ބުނި ގޮތުގައި މި ހަބަރެއް ނޫސްތަކުގައި ޝާއިއު ކުރީ ވިކީ ޖިމަށް ގޮސްފައި ގެއަށް އެނބުރި އައުމާ ދޭތެރޭގައި ވީ ވަގުތުކޮޅުގަ އެވެ.

"ޖިމް ނިންމާފައި ވިކީ ގެއަށް އައުމުން ބައްޕަ އޭނައާ ވަރަށް ދިމާކުރި. ބައްޕަ ބުނި ކެޓުރީނާ އާ އެންގޭޖްވީ ނޫންހޭ. ފޮނި ކާއެއްޗެތި ނުބަހަންހޭ އެކަމުގެ އުފަލުގައި. ވިކީ ބުނި އެންގޭޖްމަންޓަކީ ވެސް ހިޔާލީ އެއްޗަކަށް ވީމަ ފޮނި ކާއެއްޗެތި ވެސް ލިބޭނީ ހިޔާލީ އެއްޗެއްގެ ގޮތުގައޭ،" ސަނީ ބުނެފައި ވެއެވެ.

ސަނީ ބުނި ގޮތުގައި މި ހުރިހާ ވާހަކައެއް އުފަން ވަނީ ކޮން ތާކުން ކަމެއް ވެސް އެމީހުންނަކަށް ނޭނގެ އެވެ. ނަމަވެސް މި ވާހަކަ ކިޔާފައި އާއިލާގެ އެންމެންނަށް މަޖާކޮށް ހީނލަން ރަނގަޅު ފުރުސަތަކަށްވި ކަމަށް ސަނީ ބުންޏެވެ.