ލައިފްސްޓައިލް

30 އަހަރު ޕާކިސްތާނު ޖަލުގައި ހުރި މީހެއްގެ ހަނދާންތައް ގެއްލިފައި

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ މީހަކު ޕާކިސްތާނުގެ ޖަލެއްގައި ހުންނަތާ 30 އަހަރު ފަހުން މިނިވަންވުމުން އެނބުރި ގައުމަށް ގެނެސްފައިވާއިރު އޭނާގެ ކުރީގެ އެއްވެސް ހަނދާނެއް ނެތެވެ. އެހެން ކަމުން އޭނާއަށް ޕާކިސްތާނު ބޯޑަރު ހުރަސް ކުރެވުނު ގޮތެއް އެއްވެސް މީހަކަށް ނޭނގެ އެވެ.

އިންޑިޔާ ފުލުހުން ބުނަނީ އުމުރުން 28 އަހަރުގައި ޕާކިސްތާނުގެ ޖަލެއްގައި ގައިދުކުރި މި މީހާއަށް ފުރަތަމަކޮޅު ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ގެއްލުންތަކެއް ލިބި ހަނދާންތައް ގެއްލި ބުއްދިވެސް ގޯސްވެފައިވާ ކަމަށެވެ.
ޕްރަހްލާޑް ސިންގް ނަމަކަށް ކިޔާ މީހާ މިހާރު ހުރީ އޭނާގެ އަމިއްލަ އަވަށްކަމަށްވާ ގޯޝީ ޕައްޓީގައި ހުންނަ އޭނާގެ ގޭގަ އެވެ.

ޕްރަހްލާދްގެ ކޮއްކޮ ވީރް ސިންގް އަށް ބޭބެ އާ ބައްދަލުވުމާއެކު ބާރަށް ރޮއިގަނެވުނެވެ. އަދި އެތައް އިރެއް ވީއިރުވެސް ރޮވޭ ވަރުން އަނގައިން އެންމެ ބަހެއް ވެސް ބޭރެއް ނުވި އެވެ. ނަމަވެސް ޕްރަހްލާޑް ހުރީ ހިމޭނުންނެވެ. އޭނާއަކަށް ރޯކަށް ވެސް އަދި ހޭކަށް ވެސް ނޭނގެ އެވެ. އާއިލާގެ އެއްވެސް މީހެއްގެ ހަނދާނެއް ވެސް އޭނާގެ ނެތެވެ. އޭނާގެ ނަޒަރުގައި ހުރީ ހުސް ކަމެވެ.

ޕްރަހްލާދް ކުއްލިއަކަށް ގެއްލުމުން އާއިލާގެ މީހުން އޭނާ ހޯދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް 23 އަހަރު ފާއިތުވީއިރުވެސް އޭނާ މަރުވީކަމެއް ދުނިޔޭގައި ހުރިކަމެއް ވެސް އާއިލާގެ މީހުންނަކަށް ނޭނގެ އެވެ.

ޕްރަހްލާދް ދުނިޔޭގައި ހުރިކަމާއި އޭނާ ހުރީ ޕާކިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިކަން އާއިލާގެ މީހުންނަށް އެނގުނީ މީގެ ހަތް އަހަރު ކުރިންނެވެ. އޭރުއްސުރެ ޕްރަހްލާދުގެ ކޮއްކޮ ވީރު މޮޔައެއް ފަދައިން ބޭބެ ސަލާމަތްކުރުމުގެ މަސައްކަތުގައި ރެޔާ ދުވާލު މަސައްކަތް ކޮށްފައި ވެއެވެ.

ބޭބެގެ ހަޔާތުގެ ދެބައިކުޅައެއްބައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަވެފައިވާތީ ބާކީ އޮތް ދުވަސްތައް މިނިވަނެއްގެ ގޮތުގައި ހޭދަ ކުރެވޭނެގޮތް ވޭތޯ ވީރް ވަރަށް ބުރަ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ވީރް އެންމެ ހިތްދަތިވީ ޕްރަހްލާދް ކުރިކަމަށް ބުނީ ކުށަށް އޭނާއަށް އިއްވި ޖަލު ހުކުމް ފުރިހަމަވީތާ ވެސް އެތައް އަހަރެއް ވީއިރުވެސް އޭނާ ޖަލުގައި ބަހައްޓާފައި ހުރުމުންނެވެ.

ޕްރަހްލާދް ޖަލުން ދޫނުކުރެވި ހުރީ އޭނާއަކީ ކާކުކަމާއި ކޮން ތަނަކުން އައި މީހެއްކަން އެނގޭ މީހަކު ނެތީމަ އެވެ. ޕްރަހްލާދް ބުއްދި ހަމަނުޖެހޭ މީހަކަށް ވެފައި އޭނާ އައި ނައި ތަނެއް އަދި އޭނާގެ އަމިއްލަ ނަން ހާ މިންވަރު ވެސް އޭނާއަށް ނޭނގޭތީ އެވެ.

އުމުރުން 28 އަހަރުގައި ޕްރަހްލާދް ވީނުވީއެއް ނޭނގި ގެއްލުނުފަހުން އޭނާގެ ބައްޕަ އާއި ދެ ބޭބެއިން ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. ނަމަވެސް އެ ވަރު ވެސް ޕްރަހްލާދް އަކަށް ނޭނގެ އެވެ.

ވީރް އާ ނުލައި ޕްރަހްލާދުގެ އިތުރު ދެ ފިރިހެން ކޮއްކޮއަކާއި ތިން އަންހެން ކޮއްކޮ ތިއްބެވެ. އެމީހުން މި ހުރިހާ ދުވަސްވީއިރު ކެތްތެރިކަމެއް ނެތި ޕްރަހްލާދް އެނބުރި އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔަ އެވެ.

"އަހަރެމެން އޭނަ ވަރަށް ހޯދިން. ނަމަވެސް 23 އަހަރުވީއިރުވެސް އެއްވެސް ޚަބަރެއްނުވެ އޮއްވާ 2004ގައި ފުލުހުން ޕްރަހްލާދްގެ މައުލޫމާތު ސާފުކުރަން މިގެއަށް އައީ. އެހިސާބުން އެނގުނީ އޭނާ ޕާކިސްތާނު ޖަލެއްގައި ހުރިކަން. އަހަރެމެންނަކަށް ނޭނގެ އޭނަ އެ ގައުމަށް ދިޔައީ އަދި ޖަލުގައި ހުންނަން ޖެހުނީ ކީއްވެގެން ކަމެއްވެސް،" ޕްރަހްލާދްގެ ކޮއްކޮ ބުންޏެވެ.

އިންޑިޔާ ފުލުހުން ބުނި ގޮތުގައި ޕްރަހްލާދް އަށް މަގު އޮޅިގެން ހިނގަމުން ގޮސް ބޯޑަރު ހުރަސް ކުރެވުނީ ކަމަށް ވެދާނެ އެވެ. ނުވަތަ ބަޔަކު އޭނާ ގަދަކަމުން ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށް ވެސް ވެދާނެ އެވެ.

ކުރިން ވެސް ސިކުނޑީގެ މައްސަލަތަކެއް ހުންނަ ޕްރަހްލާދް އަކީ ޕާކިސްތާނު ޖަލުގައި ތިބި ސިކުނޑި ހަމަނުޖެހޭ ހަތް މީހުންގެ ތެރެއިން މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންވެ މިއީ އިއްތިފާގަކަށް ވުރެ ބޮޑަށް ކްރޮސް-ބޯޑާ ޓްރެފިކިންގެ މައްސަލައެއް ކަމަށް އިންޑިއާ ފުލުހުން ޝައްކު ކުރެ އެވެ.