މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ނިންމައިފި

Sep 13, 2021

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ނިންމައިފި އެވެ.

ސެޓްފިކެޓް ޕްރޮމޯޝަނަކީ ސިވިލް ސާވިސްގެ ފަންނަނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންނަށް ވަކި ފެންވަރެއްގެ ސަނަދެއް ހާސިލްކުރުމުން ދޭ ޕްރޮމޯޝަނެކެވެ.

ސެޓްފިކެޓް ޕްރޮމޯޝަން ދިނުން މަޑުޖައްސާލީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންގުމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ އަލުން ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފަށާނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހި ނަމަވެސް، އެ ޗިޓާ އެއްގޮތަށް މުސާރައާއި އިނާޔަތްތައް ހަމަޖެހިފައި ނުވާ މުވައްޒަފުންނަށް ވެސް އޮކްޓޯބަރު މަހުން ފެށިގެން ޗިޓުގައިވާ ގޮތަށް މުސާރަ އާއި އިނާޔަތްތައް ދިނުން ކުރިއަށް ގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ޕްރޮމޯޝަން ޗިޓަށް ހުއްދަ ދިން ތާރީހުން ފެށިގެން އޮކްޓޫބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ދޫނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނާ އަދި ކަމާ ގުޅޭ އެހެން އިދާރާތަކާ އެކު އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ. މަޝްވަރާތައް ނިމުމުން އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް އަންގާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.