ހަބަރު

ކިތަންމެ ޑިމާންޑެއް ކުރިޔަސް ނަޝީދު މިނިވަނެއް ނުކުރާނެ: އުމަރު ނަސީރު

Nov 27, 2015
2

އެމްޑީޕީގެ މުޒާހަރާގައި ކުރި ތިން ޑިމާންޑަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަވާބު ދެއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އަވަސް މިރޭ ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ "ކިތަންމެ ވަރަކަށް ޑިމާންޑް ކުރިޔަސް ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކުރުމެއް ނެތް ކަމަށެވެ"

"އެއީ [ރައީސް ނަޝީދުގެ މައްސަލައަކީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް. މުޒާހަރާގެ ޑިމާންޑެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް މުހައްމަދު ނަޝީދު މި ސަރުކާރުން މިނިވަނެއް ނުކުރާނެ. ވަރަށް ކްލިއާ ކަޓްކޮށް މި ދަންނަވަނީ ނަޝީދު މިނިވަނެއް ނުކުރާނެ،" އުމަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ދެވަނަ ޑިމާންޑާ ބެހޭ ގޮތުން އުމަރު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އާއި ޝައިހު އިމްރާންގެ މައްސަލަ އާއި ސިޔާސީ ހައްޔަރީންގެ ގޮތުގައި ކިޔާ 1700 މީހުން ކަމަށް ބުނާ މީހުންގެ މައްސަލަ ތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި ކަންކަން ކަމާއި އެ މަރުހަލާތަކުގައި އެކަންކަން ހިނގަމުންދާނެ ކަމަށެވެ. އަދި ޑރ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ކުރަންޖެހޭ ތަހުގީގުތައް ވެސް ކުރަންޖެހޭ ފަރާތްތަކުން ކުރާ ކަމަށެވެ.

ތިންވަނަ ޑިމާންޑާ ބެހޭ ގޮތުން ވިދާޅުވީ މަޝްވަރާ ކުރުމުގެ ދޮރު ދިވެހި ސަރުކާރުން އަބަދުވެސް ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ޑިމާންޑް ކުރާއިރު އެއީ ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ. އިއްޔެވެސް މަޝްރާއަށް އިސްވެ ސަރުކާރުން ގޮވާލާފައިވާނެ ކަމަށެވެ.