ސަރުކާރުގެ އޮފީސްތަކާއި ފަސޭހައިން މުއާމަލާތްކުރުމުގެ ނިޒާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.
"ގަވް.އެމްވީ މެސެޖް" ގެ ނަމުގައި މި ހިދުމަތް މިއަދު އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ހިދުމަތަކީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމަށް މިހާރުވެސް ބޭނުންކުރާ ގަވަމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ ތެރެއިން ރައްޔިތުންނަށް އެ އޮފީސްތަކަށް ސިޓީފަދަ ތަކެތި ފޮނުވޭ ޑިޖިޓަލް ނިޒާމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ހިދުމަތް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް، ކޮންމެ ވަގުތެއްގައި އޮފީސްތަކަށް ސިޓީ ފޮނުވޭނެ ކަމަށެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސަރުކާރުން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން އުފެއްދި ހިދުމަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ނިޒާމަކީ ރައްޔިތުންނާއި ސަރުކާރާ ގުޅައިލުމަށް އެޅިގެންދާ ފާލަމެއް ކަމަށެވެ. މި ނިޒާމުގެ ތެރެއިން ސަރުކާރުގެ އިދާރަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
"މި ހިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަރުކާރުގެ އޮފީހަކަށް އާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި ސަރުކާރުގެ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު 24 ގަޑިއިރު ހުޅުވިފައި ހުރުން. ކަމެއް ހުށަހެޅުމަށްޓަކައި އޮފީހަކަށް ދާން ނުޖެހުން އަދި އޮފީސް ހުޅުވެންދެން އިންތިޒާރު ކުރަން ނުޖެހުން،"
ރައީސް ވިދާޅުވީ މި ހިދުމަތުގެ ހަގީގީ މަންފާ ލިބޭނީ ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ޖަވާބުދޭ މިންވަރު އިތުރުކުރުމުން ކަމަށެވެ.
މި ވެބްސައިޓުގެ ތެރެއިން ރައްޔިތު މީހާ ފޮނުވާ ސިޓީ ގޮއްސައި އޮތް ހިސާބު ވެސް ދެނެގަނެވޭނެ އެވެ. އެ ސިޓީއާ މެދި އެ އޮފީހަކުން އަމަލުކުރަމުންދާ ގޮތް ފެންނަން ހުންނާނެ ކަމަށާއި އޮފީސްތަކުން ސިޓީތަކަށް ޖަވާބު ދިނުން ލަސްވާނަމަ އެކަމުގެ ޝަކުވާ ވެސް ހުށަހަޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ރަސްމީ ލިޔެކިޔުންތައް ބަދަލުކުރަން ބޭނުންކުރާ ޖެމްސް ވެބްސައިޓް ސަރުކާރުގެ 500 އަށްވުރެ ގިނަ އޮފީހުން ބޭނުންކުރެ އެވެ.