އަބްދުﷲ ޝާހިދު

އާންމު މަޖިލީހާ މިރޭ ޝާހިދު ހަވާލުވާނެ

Sep 14, 2021

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެ ވަޑައިގަންނަވާނެ އެވެ.

ޝާހިދު ރިޔާސަތާއި ހަވާލުވެ ވަޑައިގަންނަވާނީ މިރޭ ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ. އެއަށްފަހު އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ފެށިގެންދާނެ އެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ޝާހިދު ތަގުރީރެއް ވެސް ކުރައްވާނެ އެވެ.

އާންމު މަޖިލީހަށް ރައީސަކު ހޮވަން މިދިޔަ ޖޫން މަހު ނެގި ވޯޓުގައި މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ.

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ.

އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.