މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން އަނިޔާކުރި މައްސަލަ ތަހުގީގުުކުރަން އަންގަން ފާސްކޮށްފި

ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އެކަމުގައި ޝާމިލުވާ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން ފުލުހުންގެ މުއައްސަސާއަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ލ. ކަލައިދޫ / ސްވީޓްހާޓް، އަހްމަދު ސިރާޖު ގެއަކުން ވައްކަންކުރި ކަމަށް ބުނެ ހައްޔަރުކޮށް ބަންދުގައި ހުރިއިރު އޭނާ އަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ވަނީ ބަލައިފަ އެވެ. އަދި އެ މައްސަލަގައި އިހުމާލުވާ ފަރާތްތަކާމެދު ޖިނާއީ ތަހުގީގެއް ހިންގުމަށް އެ ކޮމިޓީން އޮތީ ފާސްވެސް ކޮށްފައެވެ.

ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 42 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނީ ސިރާޖަށް އަނިޔާކުރި މައްސަލަ ފުލުހުން ވެސް ތަހުގީގުކުރި ކަަމަށާއި އެ ތަހުގީގުންވެސް ސިރާޖަށް ލިބިފައިވާ އަނިޔާތަކަކީ ލ. އިސްދޫ ޕޮލިސް ސްޓޭޝަންގައި ހުއްޓާ ލިބިފައިވާ އަނިޔާތަކެއްކަން ފާހަގަކުރެވިފައިވާ ކަަމަށެވެ.

ހަމައެހެންމެ އަނިޔާ ކުރިކަަމަށް ތުހުމަތު ކުރެވޭ ތިން ފުލުހަކު އަށް މަސް ވަންދެން ކައިރިން ސުޕަވައިޒް ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ނިންމާފައިވާ ކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެ އެވެ. އަދި ދެ ފުލުހެއްގެ ގާބިލްކަން އިތުރުވާ ފަދަ ހާއްސަ ކައުންސިލިންއެއް ދިނުމަށް ފުލުހުންގެ ކޮމާންޑުން ނިންމިކަން އެނގެން އޮތް ކަަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންނަމަވެސް އެފަދަ ކުށަކަށް އިދާރީ ފިޔަވަޅެއް އަޅައި ނިންމާލުން ނުފެދޭ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަން ފުލުހުންނަށް އަންގަން އޮތީ ފާސްކޮށްފަ އެވެ.