ރ. އަތޮޅުގައި ހިންގާ ފާރުފުށި މޯލްޑިވްސް ރިސޯޓު ވިއްކާލުމަށް ނިންމައިފި އެވެ.
ފާރުފުށްޓަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމްގެ ވިޔަފާރިކުރާ ކުންފުނި ޔުނިވާސަލް ގުރޫޕުން ހިންގާ ރިސޯޓެކެވެ.
ރިސޯޓު ވިއްކާލާ ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް ރިސޯޓު ވިއްކާލުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަން އެ މިިނިސްޓްރީން ކޮށްފައިވާ އިއުލާނަކުން އެނގެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފާރުފުށި ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމުން އެންގުމަށްވެސް އެދިފައިވެ އެވެ.
![](https://images-01.avas.mv/post/big_H0R80rVe1FnJxHqvy8Ala3v6P.jpg)
ފާރުފުށި ރިސޯޓު ހިންގާ ފާރުފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ޔުނިވާސަލް ކުންފުނީގެ ހިއްސާދާރުންނެވެ.
ފާރުފުށި ރިސޯޓު ހުޅުވައި ހިދުމަތް ދޭން ފެށީ މާޗް 2019ގައެވެ. ޖުމްލަ 80 ކޮޓަރި ހިމެނޭ މި ރިސޯޓު ވިއްކާލަނީ ކޮން ބަޔަކަށް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ރާއްޖޭގައި ބޮޑެތި ރިސޯޓުތައް ވިއްކާލުމުގެ މުއާމަލާތްތައް ވަރަށް ގިނައިން ހިންގަ އެވެ. ނަމަވެސް މިފަދަ ބޮޑެތި މުއާމަލާތްތަކުގެ ސަބަބުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. ރާއްޖޭގައި ރިސޯޓެއް ތަރައްގީކޮށް ހަތް އަހަރާއި 10 އަހަރު ތެރޭގައި ފައިދާ ޖައްސަލައި ވިއްކާލަ އެވެ.