ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު ބުރައެއް އުފުއްލެވީ އެ މަނިކުފާނު ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނައުމަށް ޖާނާއި މާލުން ގުރުބާންވި ބޭފުޅެއް ކަމަށެވެ. ރާއްޖެ ޑިމޮކްރަސީއަށް ފެށި ދަތުރުގައި ވަރަށް ގިނަ ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުން ބައިވެރިވި ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް އެކަމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ނަޝީދު ކަަމަށް ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެމަނިކުފާނަކީވެސް ވަރަށް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާ އެހެންނަމަވެސް އެމަނިކުފާނު އެ މަސައްކަތް ކުރެއްވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކަމަށެވެ. އެހާ ހިލާފަށް ގާސިމް މަަސައްކަތް ކުރެއްވީ ރާއްޖޭގައި ހުންނަވައިގެން ޖާނާއި މާލުން ކަމަށްވެސް ވިދާޅުވި އެވެ.
"މި ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށްޓަކައި އެންމެ ބުރަ އުފުލި މީހަކަށް ވާނީ އަޅުގަނޑޭ. އެއީ އަޅުގަނޑުގެ ޖާނާއި މާލުން މި ފަސްގަނޑުގައި ހުރެ މަސައްކަތް ކުރީ. ރައީސް ނަޝީދު، އޭރު އެއީ އަންނި، އަޅުގަނޑުމެން މިކިޔާ މުހައްމަދު ނަޝީދު. އެ ބޭފުޅާ އޭރު ހުންނެވީ ލަންކާގައި. ލަންކާގައި ހުންނަވައިގެން އަޅުގަނޑު އިސްވެ ސޮއިކުރި ޑިމޮކްރަޓިކް ޕާޓީގެ 42 މީހުން ސޮއިކުރިއިރު އަޅުގަނޑު އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އެކުލަވާލީ. އަދި އަޅުގަނޑުވެސް ފުރަތަމަ ސޮއިކުރި ޕާޓީ. އެއީ އެ ހަގީގަތް ދަންނާނެ މީހުންނަށް އެނގޭނެ ކަންކަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެ މަސައްކަތްތަކާއި ގުޅިގެން ވަރަށް ގިނަ އަނިޔާތައްވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ފުލުހުންގެ އިދާރާގައި އޭރު ހުންނަ "ބިންގަރާހެއް" ގައި ހަތް ދުވަހު ބާއްވަވާ އެކި އަނިޔާ ދެއްވި އެވެ. އެ ހުރިހާ ކަމަށްވެސް ފަސްޖެހިވަޑައިނުގެން މިއަދާ ހަމައަށްވެސް ހުންނެވީ ހައްގު ބަސް ވިދާޅުވުމުގައި ކަަމަށްވެސް ވިދާޅުވި އެވެ.