ޗައިނާއިން އިނގިރޭސިވިލާތަށް ހަމަޖައްސަވާފައި ހުންނަވާ ސަފީރު ޖަން ޒޮގުއާން އިނގިރޭސި ޕާލިމެންޓަށް ވެންނެވުން މަނާކޮށްފި އެވެ.
މިއީ ޗައިނާއިން އިނގިރޭސި ޕާލިމެންޓް މެމްބަރުންނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅަށް އިނގިރޭސިން ދިން ރައްދެކެވެ.
އިނގިރޭސި ޕާލިމެންޓްގެ ދެގޭގައި ތަގުރީރު ކުރެއްވުމަށް ޖަން ޒޮގުއާން އަށް އޮތީ ފުރުސަތު ލިބިވަޑައިގެންފަ އެވެ. އެހެންނަމަވެސް ޕާލިމެންޓް މެމްބަރެއް ކަމަށްވާ ޑަންކަން ސްމިތު މަޖިލީހުގެ ރައީސް ލިންޑްސޭ ހޮއިލްއަށް ޝަކުވާ ދަންނަވައި ޖަން ޒޮގުއާން ޕާލިމެންޓަށް ނުވެއްދެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ޑަންކަން ވިދާޅުވީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނަށް ޗައިނާއިން ދަތިކޮށްފައި އޮތްއިރު އެމްބެސެޑަރު ޖަން ޒޮގުއާން އިނގިރޭސި ޕާލިމެންޓަށް ވެދެވަޑައިގަތުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
ޑަންކަން ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީސް ހުއްޓުވުމަކީ މަގުސަދެއް ނޫނެވެ. މަޖިލީސް ކުރިއަށް ދާން ފުރުސަތު ދިން ނަމަވެސް ސަފީރު ވަޑައިގަތުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ޒިންޖިއާންގައި އޮފިޝަލުން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ އިނގިރޭސިވިލާތުން އޮތީ ޗައިނާގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ދަތިކޮށްފަ އެވެ. ޗައިނާއިން އިނގިރޭސި މަޖިލީހުގެ ބައެއް މެމްބަރުންނަށް ދަތިކުރީ އެކަމަށް ދިން ރައްދެއް ގޮތުގަ އެވެ.
ޗައިނާ އަކީ މިހާރު އެމެރިކާއާ އިނގިރޭސިން ވަަރަށް ބިރު ގަންނަ ގައުމެކެވެ. އެމެރިކާއާ އިނގިިރޭސިން ކުރިއަރައި ގޮސްފައި އެތިބީ ބާކީ ތިބި މީހުންގެ ބޮލުގައި ބަޑިޖައްސައި ކުޑަކަކޫ ޖައްސުވައިގެންނެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެ އެމެރިކާއާ އިނގިރޭސިންނާ ނުލާވެސް މީހުން އުޅެން ދަސްކޮށްފި އެވެ.
އެމެރިކާއާ އިނގިރޭސިންނަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ ގައުމުތައް މާބޮޑަށް ތަރައްގީވުމެވެ.