މުޒާހަރާ

މަގަށް ނުކުންނަން ދިމާ ކުރުމުން މުޒާހަރާ ރޫޅާލައިިފި

ނޮވެމްބަރު ހަ ވަނަ ދުވަހު ބާއްވާން އުޅުނު މުޒާހަރާ ބޭއްވޭ ގޮތް ނުވުމުން ދުރާލައި ތައްޔާރުވެ ގިނަ އަދަދެއްގެ މީހުންނާއެކު ބާއްވާނެ ކަމަށް ބުނަމުން، "މިންޖުވާން" ގެ ނަމުގައި 73 ގަޑި އިރާއި 13 މިނެޓަށް ކުރިޔަށް ގެންދަން އެމްޑީޕީން ނުކުތް މުޒާހަރާގައި ފުލުހުންގެ އެންގުމަށް ހިލާފަށް މަގުމައްޗަށް ނުކުންނަން ދިމާ ކުރުމުން ރޫޅާލައިފި އެވެ.

މުޒާ ހަރާ ރޫޅާލާފައި ވަނީ އާޓިފިޝަލް ބީޗްގައި ތިބެގެން މުޒާހަރާ ކުރުމަށް ދިން ވަގުތުވެސް ހަމަ ނުވަނީހެވެ. މިރޭ މުޒަހަރާގައި ބަޔަކަށް ގެއްލުންވި ކަމުގެ ރަސްމީ މައުލޫމާތެއް ނުލިބުނު ނަމަވެސް އެމްޑީޕީގެ ބައެއް އިސްވެރިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ކަމަށް އެ ޕާޓީގެ ހަބަރުތައް ގެނެސްދޭ ރާއްޖެ ޓީވީން ބުންޏެވެ.

އާޓިފިޝަލް ބީޗްގައި ތިބެގެން މިރޭ 12:00 ޖަހަންދެން މުޒާހަރާ ކުރުމުގެ ފުރުސަތު ފުލުހުން އޮތީ އެމްޑީޕީއަށް ދީފައެވެ.

މުޒަހަރާ ރޫޅައިލުމުގެ މަސައްކަތް ފުލުހުން ފެށީ މިރޭ ގާތްގަނޑަކަށް 10:30 އެހާކަންހާއިރުން ފެށިގެން މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުންނަން ދިމާ ކުރުމުންނެވެ. އެއްކޮށް މުޒާހަރާ ރޫޅާލައި އެންމެން ފައްސާލީ 11:15 އެހާކަންހާއިރު ސަރަހައްދު ދޫކޮށް ދިއުމަށާއި މުޒާހަރާ ރޫޅައިލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދިނުމަށްފަހު އެވެ.

ފުލުހުންގެ ޝީލްޑް ފައުޖުތަކާއި ވަހިކަލްތައް ބާއްވައިގެން މިރޭގެ މުޒާހާރާ ރޫޅައިލުމުގައި ބައެއް ފަހަރު ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ. މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މުޒާހަރާ ރޫޅައިލުމުގެ މަސައްކަތް ކުރި އިރު ފުލުހުން އެމްޑީޕީގެ ހަރުގެ ތެރެއަށް ވަދެ ހަރުގެ ތެރެއިން މީހުން ނެރެ ހަރުގެއިން ބޭރަށް ދޫކޮށްފައިވާ ކަރަންޓް ވެސް ކަނޑައިލި އެވެ.

މުޒާހަރާ ރުޅާލައި ބައިބައިކޮށް ފައްސާލި ނަމަވެސް މާލެ ބައެއް ސަރަހައްދުތަކަށް ބެހިގެން ދިޔަ ބައެއް މީހުން މަގުމަތީގައި އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުން ގޮސްފައި ވެއެވެ.

މިއަދު މުޒާހަރާއަށް އާޓިފިޝަލް ބީޗަށް މީހުން ޖަމާވާން ފެށީ މެންދުރު ފަހު 3:30 އިން ފެށިގެންނެވެ. މުޒާހަރާ ފެށީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އެމްޑީޕީގެ އޮފީސް ކައިރިން ހިނގާފައިވާ އާޓިފިޝަލް ބީޗަށް އައުމުންނެވެ.

އާޓިފިޝލް ބީޗުގެ މެދުގައި އުސް އިސްޓޭޖެއް ހަދައި އަދި ކެއުމުގެ ހިދުމަތަށާއި ސިއްހީ ފަރުވާގެހިދުމަތަށް ޓެންޓްތައް ޖަހައިގެން ގުރުއާން ކިޔެވުމާއެކު ފެށި މުޒާހަރާގައި ފުރަތަމަ ވާހަކަ ދައްކާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްޜާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އޭނާގެ ވަހަކައަށް ފަހު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުންގެ ވާހަކާއައެކު މުޒާހަރާގެ ފުރަތަމަ ދަންފަޅި ކުރިޔަށް ދިޔައީ މަޣުރިބު ނަމާދުގެ ބަންގިއާ ހަމައަށެވެ. އޭގެ ފަހުން ފެނުނީ އާޓިފިޝަލް ބީޗްުގެ މޫދުން ވުލޫކޮށް އެ ސަރަހައްދުގައި ބޮޑު ޖަމާއަތެއް ހަދައިގެން ނަމާދު ކުރަމުން ދިޔަ މަންޒަރާއި ބައެއް މީހުން އެ ސަރަހައްދު ދޫކޮށް ދިޔަ މަންޒަރެވެ.

މަޣުރިބު ނަމާދަށްފަހު އާޓިފިޝަލް ބީޗްގައި ސަތަރި އަަޅައިގެން ތިބި އެ ސަރަހައްދުގައި މިރޭ ވަނީ ދީނީ ތަގުރީރެއްވެސް ދީފައެވެ. އެ ތަގުރީރު ދީފައި ވަނީ ޝައިހު ހުސައިން ރަޝީދު އަހުމަދެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުގައި ބައެއް މީހުން އިޝާ ނަމާދުވެސް ކުރި އެވެ.

އިޝާ ނަމާދަށް ފަހު ބައެއް މީހުން ރައީސް މުހައްމަދު ނަޝީދު މިނިވަން ކުުރުމަށް ގޮވާލައި އަދި ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލާފައިވާއިރު ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ކިޔާ ހަދާފައި ވެއެވެ.

އޭގެ ފަހުން މުޒާހަރާގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ މުޒާހަރާގައި އެމްޑީޕީގެ ތިން ޑިމާންޑެއް ސަރުކާރަށް ހުށަހަޅައި އެ ޑިމާންޑްތައް ލިޔެފައިވާ ކަރުދާ އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ފެކްސް މެޝިނަކުން ރައީސް އޮފީހަށް ފެކްސް ކޮށް މަގުމައްޗަށް ނުކުމެ މަގުމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި 73 ގަޑި އިރާއި 13 މިނެޓަށް މުޒާހަރާ ހުއްޓާ ނުލައި ކުރިޔަށް ގެންދިއުމުގެއިތުރުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓާ ނުލައި ކުރަމުންދާނެ ކަމަށްވެސް ބުނެފަ އެވެ. 

ސަރުކާރަށް ހުށަހެޅި ޑިމާންޑްތަކަކީ؛

  • ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުން.
  • ކުރީގެ މިނިސްޓަރު ނާޒިމާއި އިމްރާނާއި އެ ނޫން ވެސް 1700 އަށް ވުރެ ގިނަ މީހުންނަށް ކުރެވޭ ތުހުމަތުތަކާއި ޑރ. އަފްރާޝީމާއި ރިލްވާންގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުން.
  • ކޮޕްޝަން ހުއްޓުވައި ގައުމު ހަމަ މަގަށް އެޅުވުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުން.

މި މުޒާހަރާ އަށް މީހުން ނުކުތް ހިސާބުން ފެށިގެން ވެސް މާ ގިނަ އިރުތަކެއް ނުވަނީ މުޒާހަރާއަށް އާޓިފިޝަލް ބީޗަށް ދިޔައީ 2000 އެއްހާ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މުޒާހަރާގެ އެކި ވަގުތުތަކުގައި މީހުން މަދުވަމުން ދިޔަ ގޮތާއި ބައެއް ގަޑިތަކުގައި މީހުން އިތުރުވި ގޮތްވެސް ފުލުހުން ޓްވިޓާ މެދުވެރުކޮށް ކިޔައިފައެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ މުޒާަރާ ފެށުނު ފަހުން ފުރަތަމަ 20 މިނެޓްގެ ތެރޭގައ ނަގާފައިވާ ފޮޓޯއެއް ބޭނުންކޮށް 1030 މީހުންގެ ކްރައުޑެއް މުޒާހަރާއަށް ދިޔަކަމަށް ލަފާކޮށްފަ އެވެ.

މިއީ ފަހަކަށް އައިސް އެމްޑީޕީގެ ބޮޑު މުޒާހަރާއަކަށް މީހުން އެންމެ މަދުން ޖަމާވި ފަހަރެވެ.