ލައިފްސްޓައިލް

ކައިވެނީގެ އުފާ ފާޅުކުރަން ދެމަފިރިން މޫދަށް ފުންމާލައިފި

ކައިވެނިކުރާ ދެމަފިރިން އެންމެ ބޮޑަށް ބޭނުންވަނީ ކޮންމެވެސް ތަނަކަށް ދަތުރުކޮށްލައި ދެ މީހުން އެކުގައި އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނަމަވެސް އަޔަލެންޑްގެ މި ދެމަފިރިން ބޭނުންވީ އެހެން މީހުން ނުކުރާ ކަހަލަ ތަފާތުކަމެއް ކޮށްލާށެވެ.

އެގޮތުން ޑޮމް އާއި އަނީތާ މެކްކާތީ ވަނީ އެމީހުންގެ ކައިވެނީގެ އުފާ ފާހަގަކުރުމުގެ ގޮތުން ކައިވެނީގެ ހެދުމުގައި ގޮނޑުދޮށަށް ގޮސް މޫދަށް ފުންމާލާފަ އެވެ. އެވަގުތު އެ ބީޗުގައި ތިބި މީހުންނަށް މި މަންޒަރު ފެނިފައި ހައިރާންވެގެން ބަލަން ތިއްބެވެ.

އިނގިރޭސި ވިލާތު ނޫހެއްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ދެމަފިރިން ކައިވެނިކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އަދި މޫދަށް ފުންމާލީ ޖެހިގެން އައި ދުވަހަކު އަނެއްކާވެސް ކައިވެނީގެ ހެދުން އަޅައިގެން ތައްޔާރުވެގެން ގޮހެވެ.

މަންޒަރު ފެނުނު މީހުން ބުނެފައިވަނީ ދެ މީހުން ކައިވެނިގެ ހެދުމުގައި އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ހިލަތަކުގެ މައްޗަށް އަރަން ފެށުމުން އެންމެންނަށް ވެސް ހައިރާން ވެފައި ބަލަން ތިބެވުނީ އެވެ. ދެން ކުއްލިއަކަށް ދެ މީހުން އެކުގައި މޫދަށް ފުންމާލީ ކަމަށް ވެސް އެތާ ތިބި ބައެއް މީހުން ބުނެފައިވެ އެވެ.

އަނީތާ ބުނި ގޮތުގައި އޭނާ އާއި ޑޮމް އަބަދުވެސް ބޭނުންވީ އެމީހުންގެ ކައިވެނި ޔުނީކް ގޮތަކަށް ފާހަގަކުރާށެވެ. މޫދަށް ފުންމާލަން ގަސްތުކުރީ އެހެންވެ އެވެ.

މި ދެ މީހުން މޫދަށް ފުންމާލީ ކައިވެނީ އުފަލުގައިކަން އެނގުމުން އެ ވަގުތު ބީޗުގައި ތިބި އެންމެންނަށް މަޖާވެގެން އަތްތިލަބަޑިޖަހާ ދެމަފިރިންނަށް މަރުހަބާ ކިޔާ ހެދި އެވެ.