ޓެކްނޯލޮޖީ

އެޕަލް ކެލިފޯނިއާ ސްޓްރީމިންގް އިވެންޓް: ގިނަ އާ ޕްރޮޑަކްޓް ތަކެއް

އެޕަލްގެ ހާއްސަ އިވެންޓެއް ކަމަށްވާ ކެލިފޯނިއާ ސްޓްރީމިންގް ރޭ ބާއްވައިފި އެވެ.

މި އިވެންޓުގައި ވަނީ އެ ކުންފުނީގެ އާ މޯބައިލް ލައިންއަޕް ދައްކާލާފަ އެވެ. އެގޮތުން އާ އައިޕެޑް ސީރީޒްތަކަކާއި، އެޕަލް ވޮޗް އަދި ފަހުގެ އައިފޯނުތައް ވެސް ވަނީ ދައްކާލާފަ އެވެ.

މި އިވެންޓު ފަށާފައިވަނީ އެޕަލްގެ އާ އައިޕެޑް ސީރީޒް ދައްކާލަމުންނެވެ. އާ ޑިސްޕްލޭ އަކާއި އެކު ގިނަ އާ ހާޑްވެއާ ތަކެއް އެކުލަވަލާ ދައްކާލި މި އައިޕެޑާއި އައިޕެޑް މިނީ ސީރީޒްގެ އާ މޮޑެލްއެއް ދައްކާލާފައި ވާއިރު، އެޕަލްގެ މި ޓެބްލެޓް މޮޑެލްތަކާއި އެކު ވަނީ އެޕަލް ޕެންސިލްވެސްގެ އާ މޮޑެލްއެއް ދައްކާލާފަ އެވެ. އަދި މި އައިޕެޑް ތަކާއި އެކު ވަނީ އައިޕެޑް އޯއެސް 15 އިއުލާންކޮށް އާ ފީޗާތަކެއްވެސް ދައްކާލާފަ އެވެ.

އައިޕެޑް ތަކާއި އައިޕެޑް އޯއެސް އަށް ގެންނަ ގިނަ ތަފާތު ފީޗާތައް ދައްކާލުމަށް ފަހު މި އިވެންޓުގައި ދެން ދައްކާލީ އެޕަލްގެ ސްމާޓްވިޗް "އެޕަލް ވޮޗް ސީރީޒް 7" އެވެ. އެހެން މޮޑެލް ތަކަށް ވުރެ ޑިސްޕްލޭ އޭރިއާ ބޮޑު ނަމަވެސް ކުރީގެ ގަޑިތަކެކޭ އެއް ސައިޒެއްގެ މި ޑިވައިސް އާއި އެކު ވަަނީ އާ "ވޮޗް އޯއެސް" އެއް އިއުލާން ކޮށްފަ އެވެ. ވޮޗް އޯއެސް 8 ގައި ޔޫޒާ އިންޓާފޭސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އަދި މިނޫންވެސް ގިނަ އާ ފީޗަ ތަކެއް ހިމެނިފައި ވެއެވެ.

މި ސެގްމެންޓުގައި އެޕަލްގެ ފިޓްނެސް ޓްރެއިނިންގް ސަބްސްކްރިޕްޝަން ހިދުމަތް ކަމަށްވާ ފިޓްނެސް ޕްލަސްއަށް އަލަށް ގެންނަ ބަދަލުތަކާއި އިތުރުކުރާ ފީޗާތައްްވެސް ވަނީ ދައްކާލާފަ އެވެ. އެގޮތުން އިތުރު ކްލާސް ތަކާއި ގްރޫޕް ޓްރެއިނިންގް ސެޝަންތައް ހިމެނެ އެވެ. އެޕަލްއިން ވަނީ މި ހިދުމަތް ފޯރުކޮށްދޭ ގައުމުތައް މިމަހުގެ ފަހުކޮޅު އިތުރު ކުރާނެ ކަމަށްވެސް މި އިވެންޓުގައި ބުނެފަ އެވެ.

މި އިވެންޓުގައި ގިނަ ބަޔަކު އިންތިޒާރު ކުރި ސްގްމެންޓަކީ އައިފޯން 13 ދައްކާލި ސެގްމެންޓެވެ. މިފަހަރުގެ އައިފޯނުގައި އާ ޑުއަލް ކެމެރާ ސިސްޓަމަކާއި އާ ހާޑްވެއަތަކެއްގެ އިތުރުން ބެޓެރި ސައިޒް ވަނީ ބޮޑު ކޮށްފަ އެވެ. އަދި މިފަހަރުގެ އައިފޯން ސީރީޒް ތަކުގައި ސްކްރީންގެ ފްރަންޓް ކެމެރާ އިންނަ ނޮޗަ ކުޑަ ކޮށްފައިވެ އެވެ.

އައިފޯން 13 އަދި 13 މިނީގައި ޑުއަލް ކެމެރާ ސިސްޓަމެއް ހިމެނޭ އިރު ޕްރޯ އަދި ޕްރޯ މެކްސް ގައި ބެކް ކެމެރާގެ ގޮތުގައި ރީޑިޒައިން ކުރެވިފައިވާ ޓްރިޕްލް ކެމެރާ ސެޓަޕެއް ހިމެނެ އެވެ.

މިފަހަރުގެ އައިފޯނުތަކުގެ ޑިސްޕްލޭތައް ރީޑިޒައިން ކުރެވިފައިވާއިރު އެޕަލްއިން ވަނީ ޕްރޯ ސީރިޒްއަށް އާ 1ޓީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްއެއް އިއުލާން ކޮށް އަދި ހުރިހާ މޮޑެލްއަކަށްވެެސް 512ޖީބީ ސްޓޯރޭޖް އިއުލާންކޮށްފަ އެވެ. އައިފޯނަށް ސަޕޯޓު ކުރާ 5ޖީ ނެޓްވޯކް ފޯރުކޮށްދޭ ކުންފުނިތައް އިތުރު ވެފައިވާ ކަމަަށްވެސް އެޕަލްއިން އިއުލާން ކުރި އެވެ.

އައިފޯން 13 އަދި އައިފޯން 13ގެ ޕްރޯ ސީރީޒް އިއުލާންކޮށް އާ ފީޗާތައް ދައްކާލާފައިވާއިރު މި ފޯނާއި އެކު އައިއޯއެސް 15 ރިލީޒް ކުރެވިގެންދާނެ އެވެ. އަދި މި އިވެންޓުގައި އިއުލާން ކޮށްފައިވާ ޕްރޮޑަކްޓްތައް ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ޕްރީއޯޑާ ކުރެވޭނެ އެވެ. އަދި ސެޕްޓެމްބަރު މަހު 24 ގައި މި ޕްރޮޑަކްޓުތައް ގަންނަން ލިބޭނެ އެވެ.