ބޮލީވުޑް

އެކުގައި ފިލްމު ކުޅެފައިވާ އެއްވެސް ކެމިސްޓްރީއެއް ނެތް ޖޯޑުތައް

ފާއިތުވީ އަހަރުތަކުގައި ބޮލީވުޑުން ވަރަށް ފާހަގަކޮށްލެވޭ ގުޅޭ ޖޯޑުތައް ފެނިފައިވެ އެވެ. މިފަދަ ޖޯޑުތަކުގެ ކެމިސްޓްރީ ފެނިފައި މިއީ ހަގީގަތުގައި ވެސް ދެ ލޯބިވެރިން ނޫން ބާއޭ ހިތަށް އަރާ ވަރު ވެއެވެ.

ޝާހް ރުކް ޚާން-ކާޖޮލް، ރަންބީރު ކަޕޫރު-ދީޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު-މާދުރީ ޑިކްޝިޓްގެ ޖޯޑު ތަކަކީ ކެމިސްޓްރީ ރަނގަޅު ކަމުގެ މިސާލު ތަކެކެވެ.

އަނެއްކޮޅުން ބައެއް ޖޯޑުތައް ކުޅެފައިވާ ފިލްމުތައް ބަލާއިރު އެ ދެ އެކްޓަރުންގެ މެދުގައި އެއްވެސް ވަރެއްގެ ކެމިސްޓްރީއެއް ނެތްކަން ފާހަގަކުރެވެ އެވެ. އަދި އެމީހުން އެކުގައި ފިލްމެއްގައި ބައިވެރިކުރި ސަބަބާ މެދު ސުވާލު އުފައްދާ ވަރުގެ ނުގުޅޭ ޖޯޑުތަކުގެ ފިލްމުތައް ވެސް ފެނެ އެވެ.

މިފަދަ ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑަކީ ސަލްމާން ޚާނާއި ޑެއިޒީ ޝާހް އެވެ. "ޖައި ހޯ"ގައި ލީޑް ރޯލު ކުޅެފައިވާ މި ދެ އެކްޓަރުން ދެ ލޯބިވެރިންގެ ގޮތުގައި ފިލްމުގައި ދައްކާފައިވާއިރު އެމީހުންގެ މެދުގައި އެއްވެސް ވަރެއްގެ ކެމިސްޓްރީއެއް ނެތް ކަމުގެ ޝަކުވާ ބެލުންތެރިންނާއި ކްރިޓިކްސް ވެސް ކޮށްފައިވެ އެވެ. ފަހުން "ރޭސް 3"ގައި ޑެއިޒީ ކުޅެފައިވަނީ ސަލްމާންގެ ކޮއްކޮއެއްގެ ބައެވެ.

ސަންޖޭ ލީލާ ބާންސާލީގެ "ގޯލިޔޯން ކާ ރަސް ލީލާ ރާމް ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" ކުޅުނުއިރު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ދެއްކި ކެމިސްޓްރީގެ ސަބަބުން "ޕަދުމާވަތު"ގައި ޝާހިދު ކަޕޫރާ އެކު ދީޕީކާގެ ޖޯޑު ބަލައިގަންނަން ބެލުންތެރިންނަށް ފަސޭހައެއް ނުވި އެވެ. އަދި މި ދެ ތަރިންގެ ކެމިސްޓްރީ އެއްގޮތަކަށް ވެސް ނެތް ކަމަކަށް ދައްކަނީ ރަންވީރު އާއި ދީޕިކާގެ ކެމިސްޓްރީ މާބޮޑަށް ރަނގަޅުވީމަ ކަމަށް ބެލެވެ އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި އުދޭ ޗޯޕްޅާ އެކުގައި ކުޅުނު "ޕިޔާރް އިމްޕޮސިބަލް"ގައި މި ދެ އެކްޓަރުންނަށް ވެސް ކެމިސްޓްރީ ދެއްކިފައެއް ނުވެ އެވެ. އެހެންވެ ފިލްމަށް ލިބުނު ފިނި ތަރުހީބުގެ ސަބަބުން ފިލްމު ރިލީޒް ކުރިކަން ވެސް ގިނަ މީހުންނަށް ނޭނގެ އެވެ.

"ކިސްމަތު ކަނެކްޝަން"ގައި ޝާހިދު ކަޕޫރާއި ވިދްޔާ ބާލަން އަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. މި ދެ އެކްޓަރުންނަކީ ވެސް ވަރަށް ހުނަރުވެރި ފަންނާނުން ކަމަށް ވިޔަސް މި ފިލްމުގައި އެއްގޮތަކަށް ވެސް ދެ މީހުންނަށް އެކުގައި ޖާދޫއެއް ދެއްކޭ ގޮތެއް ނުވި އެވެ.

ދެ ލޯބިވެރިންގެ ގޮތުގައި މި ދެ އެކްޓަރުން ފިލްމުން ފެނުނަސް އަދި ވަރަށް ރީތި ލޯބީގެ ލަވަތައް އެކުގައި ކުޅެފައި ވިޔަސް ދެ މީހުން އެކުގައި ފިލްމުން ފެނުމުން ކޮންމެވެސް ކަންތައްތަކެއް މަދުވާކަމުގެ އިހްސާސް ކުރެވެ އެވެ.

އަބީޝެކް ބައްޗަން އާއި ދީޕިކާ ޕަދުކޯންގެ "ކޭލޭ ހަމް ޖީ ޖާން ސޭ" ކިޔާ ފިލްމެއް ކުޅުނުކަން އެނގޭ ހެއްޔެވެ؟ މި ފިލްމުގައި އަބީޝެކް އާއި ދީޕިކާއަށް ރަނގަޅު ކެމިސްޓްރީއެއް ނުދެއްކުނީ ސްކްރިޕްޓް ފީކަޅާ ކަމުން ކަމަށް ފާޑުކިޔާ މީހުން ވެސް އެއްބަސްވެ އެވެ. މި ދެ އެކްޓަރުން ވެސް އެހެން ބަތަލާއިންނާ އެކު ވަރަށް ރަނގަޅު ފިލްމުތަކެއް ކުޅެފައިވެ އެވެ.