އެންޑީއޭ

އުމުރުން އަށް އަހަރުގެ ކުދިންވެސް ޑްރަގުގައި ޖެހިފައި

މީގެ ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުމުރު ވަރަށް ފުޅާވެއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެކަން ހާމަކުރީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހަށް ހާޒިރުވެވަޑައިގެން ރާއްޖޭގައި މަސްތުވާތަކެތީ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ގެނެސްދިން ޕްރެޒެންޓޭޝަނެއްގަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އެކުލަވާލި ދިރާސާއަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނީ އޭރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާ އުޅެނީ 22 އަހަރާއި 37 އަަހަރާއި ދެމެދުގައި ކަމަށެވެ. ނަމަވެސް މިހާރު އުމުރުގެ ރޭންޖުގެ ނިސްބަތް ވަރަށް ބޮޑަށް ފުޅާވެ މަސްތުވާތަކެތި ބޭނުންކޮށްއުޅެނީ 17 އަހަރާއި 68 އަހަރުގެ އުމުރު ފުރާގެ މީހުން ކަމަށެވެ. ހަމަ އެހެންމެ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާލެއް ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އުމުރުން އަށް އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކަށް ވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން މީގެ ކުރިން ފަތުގެ ބާވަތްތައް މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރި ނަމަވެސް 2010 އިން ފެށިގެން މެތަ އެމްފެޓަމިން ފަދަ ކެމިކަލް ބޭނުންކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޕްރެޒެންޓޭޝަންގައި ބުނެފައިވެ އެވެ. ހަމައެެހެންމެ މީގެކުރިން މަސްތުވާތަކެތި އެތެރެކުރަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަަހައްދުން ކަމަށް ވިޔަސް މިހާރު ނެދެލެންޑްސްއާއި އިނގިރޭސި ވިލާތާއި ޖަރުމަނުން ވެސް މަަސްތުވާތަކެތި އެތެރެކުރާލެއް އިތުރުވެފައިވާ ކަމަަށެވެ. ހާއްސަކޮށް ޕޯސްޓު މެދިވެރިކޮށް އެފަދަ ތަކެތި ގެންނަ މިންވަރު އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތީގެ ވިޔަފާރީގައި 60 ޕަަސެންޓް ހިއްސާ ވަނީ ދިވެހީންނެެވެ. އަދި 10 ޕަސެންޓް ބަންގްލަދޭޝް މީހުން، ފަސް ޕަސެންޓް ޕާކިސްތާނުގެ މީހުން ބައިވެރިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސްތުވާތަކެތީގެ ވަބާ ވަނީ ފެތުރިފަ އެވެ. އަދި އެކަމުގައި ފިރިހެނުން ބޮޑަށް ޝާމިލުވިޔަސް އަންހެނުންގެ ނިސްބަތް ވެސް ވަކި ކުޑަ ނޫން ކަަމަށް ބުނެ އެވެ. ހަމަ އެހެންމެ ރާބުއިމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މަސްތުވާތަކެތި ބޭނުންކުރަން ފަށާފައި ހުންނަ ގޮތަށް ބަލާއިރު ނަފްސާނީ މައްސަލަތައް އެކަމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.