އެންޑީއޭ

ޖަލުގެ ރިހިބިލިޓޭޝަން ފުރިހަމަ ނުކުރާ 300 ގައިދީން

Mar 26, 2023

ޖަލުތަކުގައި ކުރިއަށްގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ 300 މީހަކަށް އެ ޕްރޮގްރާމް ހިންގާފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު ވިދާޅުވި ޖަލުގައި ތިބި 300 މީހަކަށް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގާފައިނުވާކަން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ކަންކަން ހިނގާ ގޮތް ބެލުމަށް ހެދި ދިރާސާއަކުން ހާމަވާ ކަމަށެވެ.

ޖަލުގައި ތިބި މީހުންގެ 80 ޕަސަންޓު ގައިދީންނަށް އެންޑީއޭ ފަރުވާ ބޭނުންވާއިރު އެ ފަރުވާ ނުލިބޭކަން ޝަމާއު ފާހަގަކުރެއްވި އެވެ.

އަމިއްލައަށް އެދިގެން ޑްރަގަށް ފަރުވާ ހޯދާ މީހުން މަދު ނަމަވެސް ޑްރަގު ކޯޓުން ފަރުވާގެ ހުކުމްކޮށްގެން ފަރުވާ ހޯދާ މީހުން ގިނަ ކަމަށް ޝަމާއު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ދޭ ތަންތަނާއި ފަރުވާގެ ކަންކަން ހިނގާ ގޮތް ބެލުމަށް ހެދި ދިރާސާއިން ހާމަވި ގޮތުގައި ޑްރަގު ފަރުވާ ޕްރޮގްރާމް ފުރިހަމަކުރާ ބައެއް މީހުން އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރެ އެވެ.

އެންޑީއޭގެ ރިހިބިލިޓޭޝަން ސެންޓަރުތަކުގެ ފަރުވާ ޕްރޮގްރާމު ފުރިހަމަކޮށް މިދިޔަ އަހަރު 257 މީހުން ވަނީ މުޖުތަމައުއަށް ނިކުމެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 233 ފިރިހެނުންނާއި 24 އަންހެނުންނެވެ.