ހިރިލަންދޫ

ހިރިލަންދޫ ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖަށް

ތ. ހިރިލަންދޫ ސުކޫލުގެ ހާލަތަށް އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސްފައި ނުވާތީ ކަމަށް ބުނެ ބެލެނިވެރިން ނިކުމެ ސުކޫލް ބަންދުކޮށްފި އެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް އަވަސްއަށް މިއަދު ވިދާޅުވީ ބެލެނިވެރިން އިހުތިޖާޖު ކުރަން ފެށީ ތަކުރާރުކޮށް ސުކޫލްގެ ހާލަތު ރަގަޅުކޮށްދިނުމަށް އެދުމުންވެސް އެކަމަށް ހައްލެއް އައިސްފައި ނުވާތީ ކަމަށެވެ. ދަރިވަރުން ކިޔަވަމުން އަންނަ ބާއިމާރާތަކީ ހަތަރު ކްލާސްރޫމް ހުންނަ އިމާރާތެއް ކަމަށާއި، އެތަނަކީ އެއްވެސް ކުޑަދޮރެއް ނުހުންނަ ތަނެއް ކަމަށެވެ.

"ވިއްސާރަ ވެހެންޏާ ދަރިވަރުން ކިޔަވަން ޖެހެނީ ތެމިގެން. އެ ހާލުގައި ހުރި ތަނެއް އެއީ،" ޖަލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުން ތިބޭ އިމާރާތް ވަށައިގެން ހުންނަނީ ތިރި ފާރެއް ކަމަށާއި ވިއްސާރަވާ ކޮންމެ ފަހަރަކު ކްލާސްތަކަށް ފެން ވިއްސައި ކުދިންގެ އެއްޗެތި ވެސް ތެމޭ ކަމަށެވެ.

ހިރިލަންދޫ ސްކޫލުގައި 240 އާއި 250 އާއި ދެމެދުގެ ދަރިވަރުން ކިޔަވަމުންދާއިރު އެ ސްކޫލުގައި ދަރިވަރުން ކިޔަވަން ރަސްމީ ހަތަރު ކްލާސްރޫމުގެ އިތުރުން ގޯތިތެރޭގައި ވަކި ވަކި ކްލާސް ރޫމުތަކެއް ހަދާފައި ހުންނަ ކަމަށްވެސް ކައުންސިލް ރައީސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"އެތަނުގައި ދަރިވަރުންނަށް ކިޔަވައިދެނީ މަޖުބޫރު ވެގެން އެ ނޫން ގޮތެއް ނެތިގެން. އެ ކްލާސްރޫމްތައް ބޭނުން ނުކޮށް ހުރިހާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ގޮތެއް ވެސް ނެތް،" ޖަލާލް ވިދާޅުވި އެވެ.

ޖަލާލް އިތުރަށް ވިދާޅުވީ ސްކޫލުގައި ހުރި މައްސަލަތަކާ ގުޅޭ ޝަކުވާ ކޮންމެ ހަފްތާއަކު އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅައިގެން ހުށަހަޅާ ކަމަށެވެ. ނަމަވެސް އާ ކްލާސްރޫމްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން ކަމުގައި ބުނުމަށްފަހު ދެން ހަބަރެއް ނުވާ ކަމަށެވެ. ކައުންސިލްގެ ފެންވަރުން ކޮށްދެވެންހުރި ކަންކަން ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިތަނުގައި ދެ ބުރީގެ އިމާރާތެއް މަލްޓިޕާޕަސް ހޯލަކާއެކު އަޅަން ބަޖެޓުކޮށްފަ އޮތީ. އެކަމަކު ފަހުން ތިން ބުރިއަށް އެ ސްކޯޕް ބަދަލުކުރަން އޭޑިއުކޭޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް މައުލޫމާތު ލިބޭ. އެކަމަކު އެކަން ކުރާނެ މީހަކު ހޯދަން ބިޑް ހުށަހަޅަން އިއުލާނެއް ވެސް ނުކުރޭ. އެއްވެސް އުއްމީދެއް ނެތީމަ ބެލެނިވެރިން އެ ނުކުތީ. އިއުލާނުވެސް ކޮށްލީމަ ދެއްތޯ ބެލެނިވެރިންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނީ،" ޖަލާލް ވިދާޅުވި އެވެ.

ދަރިވަރުން ކިޔަވާ ބާއިމާރާތުގެ ހާލަތު ހުރި ގޮތް ހިއްސާކުރައްވަމުން ޖަލާލް ވިދާޅުވީ އިވެންޓެއް ބާއްވަން ޖެހުނު ނަމަވެސް ކޮންމެ ފަހަރަކު ޖެހެނީ އެތަނުގައި ޖަހައިފައި ހުންނަ ޕާޓިޝަންތައް ނަގަން ކަމަށެވެ. އެކަމުގައި ވެސް ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޖަލާލު ފާހަގަކުރެއްވި ގޮތުގައި ހިރިލަންދޫ އަށް ވުރެ ވެސް އާބާދީ ކުޑަ ރަށްތަކުގައި ސްކޫލްތައް އިމާރާތް ކުރަމުންދާ ކަމަށެވެ. އެކަމަކު ހިރިލަންދޫގައި އެކަން ނުވެ އޮތުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.