ހިރިލަންދޫ

ހިރިލަންދޫ އިން ރައީސްއަށް ހޫނު މަރުހަބާއެއް

Mar 2, 2023
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. ހިރިލަންދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް ސޯލިހް މިއަދު ހިރިލަންދޫއަށް ވަޑައިގަތީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމަށެވެ.

ހިރިލަންދޫ އަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ މަރުހަބާ ދެންނެވުމުގެ ގޮތުން ހާއްސަ އައިޓަމްތަކެއް ހުށަހަޅައިދީފަ އެވެ. މަރުހަބާގެ ލަވައިގައި ބުނެފައިވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި ހިރިލަންދޫ އަށް ކޮށްދޭ ކަންކަމާ ގުޅިގެން އެ ރަށު ރައްޔިތުން ތިބީ އުފަލުން ކަމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަނީ ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ އާ އޮފީސް އިމާރާތްވެސް ހުޅުއްވައިދެއްވާފަ އެވެ. އަދި އެރަށުގައި ސަރުކާރުން ހަދާފައިވާ ވޮލީ ކޯޓު ވެސް ރައީސް މިއަދު ހުޅުއްވައިދެއްވާފަ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ހިރިލަންދޫގެ ކަމާގުޅޭ އިދާރާތަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.

މިސަރުކާރުން ހިރިލަންދޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ އެރަށު ބިން ހިއްކުމެވެ.