އެމްއެންޑީއެފް

ޓަގު ބޯޓަކާއި ތެޔޮ ބޯޓެއް އުރި އިތުރު ހާދިސާތަކެއް

މޫސުން ގޯސްވުމާއި ގުޅިގެން ޓަގު ބޯޓަކާއި ތެޔޮ ބޯޓެއް ފަރަށް އުރި އިތުރު ހާދިސާތަކެއް ހިނގައިފި އެވެ.

ސިއފައިންގެ އިން ބުނީ ވިއްސާރަވުމުގެ ސަބަބުން މިއަދު ހެނދުނު 9:52 ހާއިރު "މެރީނާ-1301" ކިޔާ ޓަގު ބޯޓެއް ފަރަށް އަރާފައިވާ ކަމަށެވެ. އެ ޓަގު ބޯޓު އުރުނީ ފޭދޫ ފިނޮޅު ފަރުމައްޗަށެވެ. އެ ބޯޓުގައި ތިބީ އިންޑޮނޭޝިއާ އަށް ނިސްބަތްވާ ނުވަ މީހުންނެވެ.

ހެނދުނު 9:35 ހާއިރު ތެޔޮ ބޯޓެއް ވެސް ވަނީ ފަރަށް އަރާފަ އެވެ. އެއީ "ޓްރާންސްޕޯޓް ފިއުލް-09" ކިޔާ ބޯޓެކެވެ. މި ބޯޓު އުރުނީ ވިލިމާލެ ފަރުމައްޗަށެވެ. މި ބޯޓުގައި އޭރު ތިބީ ލަންކާ މީހަކާއި ބަންގްލަދޭޝް ދެ މީހުންނެވެ.

ތެޔޮ ބޯޓު މިހާރު ވަނީ އެހެން ޓަގެއްގެ އެހީގައި ފުންކޮށްފަ އެވެ. ސިފައިންގެ އިން ބުނީ މި ދެ ބޯޓު ވެސް ފަރަށް އެރީ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ފަޅުތެރޭގައި އޮތް ލޯންޗެއް ވެސް ވަނީ އަޑިއަށް ގޮސްފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގެ ބާރުމިން އުޅެނީ އަށް މޭލާއި 18 މޭލާ ދެމެދުގައި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދަށް އުފުލޭނެ ކަމަށެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.