ލައިފްސްޓައިލް

40 ވައްތަރު މޭވާ އަޅާ ގަހެއް އެމެރިކާގެ ޕްރޮފެސަރަކު ހައްދައިފި

ހައިބްރިޑް ކޮށްގެންނާއި ގްރާފްޓް ކޮށްގެން ގަހަށް ބަދަލު ގެނެސްގެން ހެއްދުމަކީ މިހާރު ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއް ގަހުގައި 40 ވައްތަރުގެ މޭވާ އަޅާ ގަހެއް ހެއްދުމަކީ އެއްވެސް މީހަކަށް އެހާ ފަސޭހަ ވާނެ ކަމެއް ނޫނެވެ.

އެމެރިކާގެ ސައިރަކިއުސް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ސެމް ކެން އާކެން ވަނީ މިފަދަ ގަހެއް ހައްދާފަ އެވެ. އޭނާ އެ ގަހަށް ދީފައިވާ ނަމަކީ "ޓްރީ އޮފް 40' އެވެ.

އާޓް އާއި އެގްރިކަލްޗާ މިކްސް ކޮށްގެން ތަފާތު ތަޖުރިބާތައް ކުރަމުންގެންދާ އާކިން މިގޮތަށް ތަފާތު ވައްތަރުގެ އޮށް އެއްކޮށްގެން ގްރާފްޓްކުރުމުގެ މަސައްކަތް ފެށީ 2008ގަ އެވެ. އެ ފަހަރު އޭނާ ގަސް ހެއްދީ އީޑެންގައި އޮތް މައުރަޒަކަށެވެ.

"ޓްރީ އޮފް 40" އަކީ ވެސް މިގޮތަށް އޭނާ ފާއިތުވީ 12 އަހަރު ކުރަމުންދިޔަ ތަޖުރިބާތަކެއްގެ ނަތީޖާ އެވެ.

އާކިން ބުނި ގޮތުގައި އޭނާ ހެއްދި ކޮންމެ ގަހެއް ވެސް ފުރަތަމަ ކޮޅު ހުންނަނީ ވަރަށް އަޖައިބެއް ކަހަލަ ގޮތަކަށެވެ. ނަމަވެސް ހެދެން ފެށުމުން ރީތި ގަހަކަށް ބަދަލުވެ އެވެ.

ސްޕްރިންގްގައި ގަސްތަކުގައި މާ އަޅައި މޭވާތައް ނުކުންނަން ފެށި ކަމަށާއި ގާތްގަނޑަކަށް 40 ވައްތަރުގެ މޭވާ އެއް ގަހެއްގައި އަޅާފައިވާ ކަމަށް އާކިން ބުންޏެވެ.

މި ގަހުގައި އަޅާ މޭވާތަކުގެ ތެރޭގައި ޕްލަމްސް، ޕީޗް، ނެކްޓަރިން އަދި އެޕްރިކޮޓްސް ފަދަ މޭވާ ހިމެނެ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިފަދަ 16 ވަރަކަށް ގަސް އެކި ބަގީޗާތަކަށާއި މިއުޒިއަމްތަކަށް އަދި އާޓް ގެލެރީ ތަކަށް އާކިން މިހާރު ވަނީ ހަދިޔާ ކޮށްފަ އެވެ.