ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލުން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ޕާޓްނާޝިޕް އާކޮށްފި

Sep 15, 2021

ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސާ އެގްރީމަންޓް އާކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި އެގްރީމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އަދި އެފްއޭއެމްގެ ފަރާތުން ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

ބީއެމްއެލް އިން ބުނީ މި އެގްރީމެންޓުގެ ދަށުން އެ ބޭންކަކީ ގައުމީ ސީނިއާ ފިރިހެން ޓީމާއި، ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ޕާޓްނަރެއް ކަމަށެވެ.

ބީއެމްއެލްގެ އެމްޑީ ޓިމް ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް ފުޓްބޯޅަ ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އެ ބޭންކުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަަމަށެވެ.

ބީއެމްއެލް އަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް 2021ގެ އޮފިޝަލް ބޭންކިން ޕާޓްނަަރަކީ ވެސް ބީއެމްއެލް އެވެ.