ގަވާއިދާ ހިލާފަށް ޅަ ކުޅުންތެރިން ރަޖިސްޓްރީކުރި މައްސަލާގައި ބާސެލޯނާ އަށް ދިންފަދަ އަދަބެއް ރެއާލް މެޑްރިޑަށް ދިނުމަށް ބާސެލޯނާއިން ފީފާ އަށް ވިސްނައިދޭން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ދަނީ އެކުލަބުން ހިލާފުވިކަމަށް ފީފާއިން ބުނާ ގަވާއިދުތަކަކަކީ ރެއާލް މެޑްރިޑުން ވެސް ހިލާފުވެފައިވާ ގަވާއިދުތަކެއްކަން ސާބިތުކޮށްދިނުމަށެވެ. މިކަމުގެ ތަހުގީގު މިހާރު ކުރިއަށްދާއިރު މި މައްސަލާގައި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑު ވެސް ކުށްވެރިވެދާނެ އެވެ.
ގަވާއިދާ ހިލާފަށް 12 އަހަރުން ދަށުގެ ކުޅުންތެރިން ގެނައުމުގެ ކުށުގައި ބާސެލޯނާ އަށް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ސަސްޕެންޑްކުރީ 2014 ވަނަ އަހަރު އެވެ. އަދި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އެކުލަބަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުންވަނީ މަނާކޮށްފަ އެވެ.
ފީފާއިން ރެއާލް އަށް އަދަބުދޭން ނިންމައިފިނަމަ މި ސީޒަން ނިމުމުން ޗެލްސީގެ އެޑެން ހަޒާޑް ޓީމަށް ގެނެސް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމަށް ރެއާލްއިން ކުރާ މަސައްކަތް ހުއްޓޭނެ އެވެ.
މިފަދަ އަދަބެއް ކުލަބަކަށް ދީފިނަމަ އިސްތިއުނާފު ކުރަން ވަގުތުދޭނެ އެވެ. އެގޮތުން ޖެހިގެން އަންނަ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުމުގެ ހުއްދަދިނުމަށްފަހު ކުޅުންތެރިން ގަތުން މަނާކުރާނީ އަދަބު ކަނޑައެޅިފަހުން އަންނަ ދެ ވަނަ ޓްރާންސްފާ މުއްދަތުން ފެށިގެންނެވެ.
ބާސެލޯނާއިން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގެ ކުރިން ރެއާލް އަށް އަދަބު ދިނުމަށެވެ.