ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާލުފާޅުކުރަން ހުރަހެއް ނާޅާނެ: ރައީސް

ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިޠާބުގައެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް މި ސަރުކާރުން އަބަދުވެސް އިހްތިރާމްކޮށް އެ ހައްގުތައް ލިބިދެވޭކަންވެސް ކަށަވަރު ކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި މައުލޫމާތު އާންމުކުރުމަކީވެސް ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުން ކަމަށެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރު ކުރުމާއި ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ހައްގު ލިބިދިނުމަކީވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ބޭނުންތައް ކަމަށެވެ.

އެމަނިކުފާނު ވަނީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމާއެކު ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމުގައި ވިދާޅުވެފައެވެ. އަދި އެއީ އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި އިންތިހާބުތައް ބާއްވައިގެން ދައުލަތުގެ އިންތިހާބީ މަގާމުތަކުގެ ދައުރު ބަދަލު ކުރަމުން ގެންދިއުންކަމުގައި ވިދާޅުވިއެވެ.