ބޮލީވުޑް

ރިތިކްގެ ފޮޓޯއިން ފޭނުންނަށް ފެނުނީ ކުލަފޮޅިފައި ހުރި ފާރެއް

ރިތިކް ރޯޝަން އޭނާގެ މަންމައާއެކު ހެނދުނު ސައި ބޯން އިނދެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްލުމާއެކު އޭނާގެ ފޭނުން ބޮޑަށް ޝައުގުވެރިވީ އެ ފޮޓޯއިން ފެންނަ މުޅިން ތަފާތު ކަމަކަށެވެ.

ރިތިކްގެ ފޮޓޯއިން އޭނާގެ ގޭގެ އެއް ފާރު ވަރަށް ރީއްޗަށް ފެންނަން ހުރިއިރު އެ ފާރުގެ ކުލަތައް ފޮޅި ފެނުގެ އަސަރު ފާރަށް ވަރަށް ބޮޑަށް ކޮށްފައި ހުރިތަން ފެނެ އެވެ. އެހެންވެ ރިތިކްގެ ފޮޓޯއަށްވުރެ ފޭނުންގެ ސަމާލުކަން މި ކަމަށް ހުއްޓުނީ އެވެ.

"މަންމަ އާއެކު ވަރަށް ކަންނެތް ގޮތެއްގައި ހެނދުނުގެ ސަޔަކަށް އިންސާފު ކުރަނީ. މިއީ ވަރަށް ރަނގަޅު ހެނދުނެއް. ބުދަ ދުވަސް ވެސް އާދީއްތަ ދުވަސް ކަހަލަ އިހްސާސެއް ކުރެވޭތީ ވަރަށް ބަރާބަރު. ގޮސް އެމީހެއްގެ މަންމަ ގައިގައި ކޮންމެ މީހަކު ވެސް ބައްދާލާ،" ރިތިކް ކުރި ޓުވީޓުގައި ލިޔެފައި ވެއެވެ.

ނަމަވެސް ރިތިކް ޝެއާ ކުރި ފޮޓޯގައި އޭނާގެ ގޭގެ ފާރުގެ ހާލު ދެރަވެފައި ހުއްޓާ ފެނުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ މިކަމަށެވެ.

"މުއްސަނދިންގެ ގޭގޭގައި ވެސް ފާރަށް ފެން ވައްދާ މައްސަލަތައް ދިމާވާކަން އެނގުމުން ވަރަށް ހިތްހަމަޖެހިއްޖެ،" މި ފޮޓޯއަށް ކޮމެންޓްކޮށް ޓުވީޓުކުރި މީހަކު ލިޔެފައި ވެއެވެ.

"ތި ކަހަލަ މުއްސަނދިންގެ ގޭގޭގައި ވެސް ފާރުން ފެން ފާއްދާ ފާރު ހަޑިވާ މައްސަލަ ކުރިމަތިވޭތަ؟" އުޖާލާ އަރޯރާ ކިޔާ މީހެއްގެ ޓުވީޓުގައި ސުވާލުކޮށްފައި ވެއެވެ.

އެހެން މީހެއްގެ ޓުވީޓުގައި މަޝްވަރާ ދީފައިވަނީ އަވަހަށް ކުލަލާ ފާރު އާކޮށްލުމަށެވެ. އަދި ފާރުން ފެން ލީކުވާ މައްސަލަ ހައްލުކުރަން މީހަކު ފޮނުވަންތޯ ވެސް މީހަކު ސުވާލުކޮށްފައި ވެއެވެ.

މިގޮތަށް ރިތިކް އާ ދިމާކޮށްލީމަ ހިތްހަމަނުޖެހިގެން ކޮމެންޓުކުރި މީހުން ވެސް ތިއްބެވެ. އެމީހުން ބުނެފައިވަނީ ރިތިކް އޭނާގެ މަންމަ އާއެކު ނަގާފައިވާ އެހާ ރީތި ފޮޓޮއެއްގެ ފޯކަސް މުޅިން އެހެން ގޮތަކަށް އަނބުރާލަން ނުވާނެ ކަމަށެވެ.