ލައިފްސްޓައިލް

މާފިއާ ބޮހެއް ކަމަށް ނެދަލެންޑުން ޔޫކޭ މީހަކު ހައްޔަރުކޮށްފި

އިނގިރޭސި ވިލާތުގެ ލިވަޕޫލްގައި ދިރި އުޅޭ 54 އަހަރުގެ ފިރިހެނަކު ނެދަލެންޑްސްގެ ސިޓީ އެއް ކަމަށްވާ ދަ ހޭގްގައި އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ. ފޯމިއުލާ 1 ގެ ފޭނެއް ކަމަށްވާ މާކް އެލް ހައްޔަރު ކުރީ މާފިއާ ބޮހެއް ކަމަށް ޝައްކު ކުރެވިގެންނެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ނެދަލެންޑްސްގެ ފުލުހުން ހީކުރީ އެއީ ސިސިލީގެ ކްރައިމް ލޯޑް މަޓެއޯ މެސީނާ ޑެނާރޯ ކަމަށެވެ. އެހެން ހިތާ މިދިޔަ ބުދަ ދުވަހު ކުއްލިއަކަށް މާކް ކަނުބަނދެ ހައްޔަރު ކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އެވެ.

ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ދަ ހޭގަށް މާކް ދިޔައީ މި ސެޕްޓޭމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

މާކް އަކީ އެމީހުން ހައްޔަރު ކުރަން ބޭނުންވާ މީހާ ނޫންކަން އެނގުމުން ފަހުން އޭނާ ވަނީ މިނިވަން ކޮށްފަ އެވެ.
މާކް ހައްޔަރު ކުރިއިރު އޭނާ އިނީ ދަރިފުޅާއެކު ރެސްޓޯރެންޓެއްގައި ކާން ކަމަށް ވެސް ބީބީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެމީހުންގެ އަތުގައި އިޓަލީގެ ރަސްމީ އިދާރާއަކުން ދީފައިވާ ޔޫރަޕިއަން އެރެސްޓް ވޯރަންޓެއް ވެސް އޮތެވެ.

މާކް އެލްގެ ގާނޫނީ ވަކީލު ލިއޯން ވެން ކްލީފް ބުނި ގޮތުގައި މާކް ހައްޔަރުކުރި މަންޒަރަކީ ފިލްމެއްގެ ބިރުވެރި މަންޒަރެއް ފަދަ ނުވަތަ ބިރުވެރި ހުވަފެނެއްގެ ގޮތުގައި އޭނާގެ ކްލައިންޓަށް ތަޖުރިބާ ކުރެވުނު ކަމަށެވެ.

ކޯޓުގައި މާކް ބުނީ އޭނާއަކީ އިނގިރޭސި ރައްޔިތެއް ކަމަށާއި ގްރޭންޑް ޕްރިކްސް ބަލާލަން އެ ގައުމަށް ގޮސް އުޅޭ މީހެއް ކަމަށެވެ. އެހިސާބުން ކޯޓުން އޭނާ ވަގުތުން މިނިވަން ކުރީ އެވެ.

ސިސިލީގެ ކްރައިމް ލޯޑް ޑެނާރޯ އަކީ 1993 އިން ފެށިގެން ފިލައިގެން އުޅޭ މީހެކެވެ. އެއީ އެ އަހަރު ބޮމެއް ގޮއްވާލައިގެން 10 މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އަދި އޭނާއަކީ އިޓަލީން ހޯދަން އިއުލާން ކޮށްފައިވާ އެންމެ ނުބައިބައި ބޮހެވެ.
ޑައިބޮލިކްގެ ނަމުގައި ވެސް ޑެނާރޯ ދިރިއުޅެ އެވެ. އޭނާ އިޓަލީގެ ވޯންޓަޑް މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ 50 މީހެއްގެ މަރާ އޭނާ އާ ގުޅުން އޮތީމަ އެވެ. އޭނާއަކީ ސިސިލީގެ މާފިއާގެ ބޮހުންގެ ވެސް ބޮހެވެ.