ލައިފްސްޓައިލް

ޑަބަލް ޑެކާ ބަހެއް ވަގަށް ނެގިއިރުވެސް ނޭނގުނު

އިނގިރޭސިވިލާތުގެ ޕޫލޭ ޓައުނުގައި ދިރިއުޅޭ މީހަކު ވަރަށް ދަންވަންދެން ތަނެއްގައި ބަނގުރާ ބޯން އިނުމަށްފަހު ގެޔަށް ދާން ނުކުމެ ޑަބަލް ޑެކާ ބަހެއް ވަގަށް ނަގައިފި އެވެ.

އުމުރުން 52 އަހަރުގެ ސްޓެފަން މެކްކާޓަން އަކީ ކުރިން ސިފައިންގެ ވަޒީފާގައި އުޅުނު މީހެކެވެ. އޭނާ އެކުވެރިޔަކާ އެކު ރޭގަނޑު ބޭރަށް ގޮސް އުޅެމުން މާގަދަޔަށް މަސްތުވެ އެކަކު ވީތަން އަނެކަކަށް ނޭނގި ދެ މީހުން ގެއްލުނީ އެވެ.

ސްޓެފަންގެ ގެ ހުންނަނީ އޭނާ ހުރި ތަނާ ތިން މޭލު ދުރުގަ އެވެ. އެހެންވެ ގެޔަށް ދާނެ ގޮތެއް ނޭނގުމުން އެންމެ ފަހުން ކައިރީގައިވާ ބަސް ސްޓޭޝަނަކަށް ގޮސް އެތަނުން ޑަބަލް ޑެކާ ބަހަކަށް އެރީ އެވެ.

އެންމެ ފުރަތަމަ އޭނާއަށް އެރުނީ ފަސިންޖަރުން އަރާ ބަޔަށެވެ. އެތަނުގައި އޮވެ ގަޑިއެއްހާއިރު ނިދާފައި ތެދުވެގެން ގޮސް ޑްރައިވަރުގެ ސީޓުގައި އިށީނދެ ބަސް ސްޓާޓް ކުރީއެވެ.

ޕާކް ކޮށްފައިވާ ތަނުން ބަސް ނެރެން ވެގެން ފަހަތަށް ޖަހާލި ވަގުތު ފަހަތުގައިވާ ރެއިލިންގައި ޖެހި ރެއިލިން ފުނޑުފުނޑުއީރުވެސް އަދި އެތާގައި އޮތް އެހެން ކާރަކަށް ގެއްލުން ވީއިރުވެސް ސްޓެފަން އަކަށް ހަމަ ހޭވެރިކަމެއް ނުވެ އެވެ.

އޭނާ ގެޔާ ކައިރިއަށް ބަހުގައި ގޮސް ބަސް މަގުމައްޗަށް ދޫކޮށްލާފައި ގެޔަށް ވަދެ ނިދީ އެވެ.

ފުލުހުން އައިސް އޭނާ ހައްޔަރުކުރުމުން ސްޓެފަން ބުނީ ކުރީ ރޭ ވީ އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށެވެ. އަދި އޭނާއަކީ ޑިޕްރެޝަން އާއި އެންޒައިޓީ އަށް ބޭސްކުރާ މީހެއް ކަމަށެވެ.