ލައިފްސްޓައިލް

ބައިސްކަލް ވަގަށް ނަގާ އެއްކުރާ މީހެއް!

ގިނަ އަދަދެއްގެ ބައިސްކަލް ވަގަށް ނެގި ޔޫކޭ މީހަކު ހައްޔަރުކޮށްފި އެވެ. އެމީހާ ވަގަށް ނެގި ބައިސްކަލްތައް ހުރީ އޭނާގެ ގޭގެ ބަގީޗާގައި ފުންޏަކަށް ޖަހާފަ އެވެ. އެމީހާ ވަގަށް ނެގި ބައިސްކަލްތައް ގިނަކަމުން ބައިސްކަލް ފުނި ބޮޑު ފަރުބަދައެއް ވަރަށް އުސްވެފައި ވެއެވެ. އަދި ގޫގުލް އާތުން ބެލީމަ ވެސް މި ބައިސްކަލުގެ ފަރުބަދަ ފެންނަ ކަމަށް ވެއެވެ.

އޮކްސްފޯޑުގައި ހުންނަ މި ގެއަށް ފުލުހުން ގޮސް ބެލިއިރު އެގޭގެ ބަގީޗާގައި ހުރި ބައިސްކަލް ފުނީގައި 500 އަށް ވުރެ ގިނަ ބައިސްކަލް ހުއްޓެވެ. މިކަމާ ގުޅިގެން ހައްޔަރުކުރީ 54 އަހަރުގެ ފިރިހެނެއް ކަމަށް އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފައި ވެއެވެ.

މި މީހާ ހައްޔަރުކުރިއިރު ވަރަށް ގިނަ ބަޔަކު އޭނާގެ ޝަކުވާ ފުލުހުންނަށް ވަނީ ކޮށްފަ އެވެ. ނަމަވެސް ހައްޔަރުކުރިތާ މާ ގިނައިރެއް ނުވެ އޭނާ ވަނީ ތަހުގީގު ނިމެންދެން ދޫކޮށްލާފަ އެވެ.

ބައިސްކަލްތައް ވަގަށް ނެގި މީހާގެ އަވަށްޓެރިން ބުނެފައިވާ ގޮތުގައި އެމީހާ އެގޭގައި ދިރިއުޅޭތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް އެމީހާ އާދަޔާޚިލާފަށް ބައިސްކަލް އެއްކުރާކަން އެނގުނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ކަމަށާއި އޭރުއްސުރެ ގަވާއިދުން ފުލުހުންނަށް ރިޕޯޓުކުރަމުންދިޔަ ކަމަށް އެމީހާގެ އަވަށްތެރިޔާ ބުނެފައި ވެއެވެ.

"އަހަރެން ބައެއް ފަހަރަށް އެމީހާ އާ ސުވާލު ކުރަން ކީއްކުރާހާ ބައިސްކަލެއްހޭ. ބުނީމަ އޭނަ ބުނަނީ މިއީ އެފްރިކާގެ ފަގީރު ކުދިންނަށް ހަދިޔާކުރަން ހޯދާފައި ހުރި އެއްޗިއްސޭ. އެކަމަކު ދުވަހަކުވެސް އެ އެއްޗެތި އެފްރިކާއަށް ފޮނުވާތަނެއް ނުފެނޭ،" އަވަށްޓެރިޔާ ބުންޏެވެ.

މި ބައިސްކަލުތަކުގެ ވެރިން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް ޔޫކޭ ފުލުހުން ބުނެފައި ވެއެވެ.