އެއްވެސް ކުށެއް ނެތި ލޯބިވެރިޔާ އާ މެދު ޝައްކުކޮށް އޭނާއަށް ލަނޑު ދޭން އުޅެން ހަދައިގެން އިނގިރޭސި ވިލާތުގެ އަންހެނަކަށް ޖަލަށް ދާން ޖެހިއްޖެ އެވެ. ޔޫކޭގެ ބްރެކެންޑޭލްގެ ރަންކޯންގައި ދިރިއުޅޭ 20 އަހަރުގެ މި ޒުވާން އަންހެންމީހާ ޖަލަށް ލީ 30 އަށް ވުރެ ގިނަ ފޭކް އިންސްޓަގްރާމް ޕްރޮފައިލް ހަދައި އެއިން އިންޒާރުގެ މެސެޖުތައް ދެމުން ގެންދިޔަކަން ފަޅާ އެރުމުންނެވެ. އޭނާ މި ކަންތައް ކުރީ މިހާރު ރުޅިވެފައިވާ ލޯބިވެރިޔާ އަށް ލަނޑުދީ އޭނާ ޖަލުގައި ބަންދުކުރަން ވެގެންނެވެ.
ކޯޓްނީ އެއިންސްވޯތު ނަމަކަށް ކިޔާ ޒުވާނާ ވަނީ 10 ފަހަރެއްގެ މަތިން ފުލުހުންނަށް ވެސް އޭނާގެ ކުރީގެ ލޯބިވެރިޔާ ލުއިސް ޖޮލީގެ ޝަކުވާތައް ހުށަހަޅާފަ އެވެ. ކޯޓްނީ ފުލުހުންނަށް ކޮންމެ ފަހަރަކުވެސް މައްސަލަ ހުށަހަޅަނީ ލޯބިވެރިޔާ އޭނާ މަރާލާނެ ކަމަށް ބުނެ ބިރުދައްކާ އަދި އޭނާއަށް ފާރަލާ ކަމަށް ބުނެފަ އެވެ. އަދި ހެއްކެއްގެ ގޮތުގައި އޭނާ ދައްކަނީ އަމިއްލައަށް ހަދައިގެން އުޅުނު އިންސްޓަގްރާމް ޕްރޮފައިލްގައި ހުރި މެސެޖު ތަކެވެ.
ކޯޓްނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ހަ ފަހަރެއްގެ މަތިން އޭނާގެ ކުރީގެ ލޯބިވެރިޔާ ހައްޔަރު ކޮށްފައި ވެއެވެ. އެގޮތުން 81 ގަޑއިރު ފުލުހުންގެ ހައްޔަރުގައި ޖޮލީ ހުއްޓެވެ. އަދި އޭނާގެ މައްޗަށް ކޯޓްނީ މަރާލަން އުޅުނުކަމާއި އޭނާއަށް ފާރަލައި ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވެއެވެ.
އަދި ގޭގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން ފައިގައި އިލެކްޓްރޯނިކް ޓެގް ވެސް އަޅުވާފައި ވެއެވެ. އެކި ފަހަރު މަތިން ޖަލުގައި ބަންދު ކުރުމާއި އަދި ގޭގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ޖޮލީ އަށް ވަނީ އޭނާގެ ވަޒީފާ ވެސް ގެއްލިފަ އެވެ.
ނަމަވެސް ފުލުހުން ރަނގަޅަށް މި މައްސަލަ ތަހުގީގު ކުރުމުން ކޯޓްނީއަށް އިންޒާރުތައް ދިން ކަމަށް ބުނާ 17 އިންސްޓަގްރާމް އެކައުންޓަކީ ކޯޓްނީގެ އަމިއްލަ އީމެއިލް އެޑްރެސް ތަކަކުންނާއި އޭނާގެ ގޭގައި ހުރި މޯބައިލް ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކެއްގެ އައިޕީ އެޑްރެސްތަކުން ހަދާފައިވާ އެކައުންޓްތަކެއްކަން ޔަގީން ކުރެވުނެވެ. އަދި ކޯޓްނީގެ ކުރީގެ ލޯބިވެރިޔާގެ އެއްވެސް ކުށެއް ނެތް ކަން ފުލުހުންނަށް ޔަގިންވި އެވެ.
އެހިސާބުން ފުލުހުން ވަނީ ކޯޓްނީ އާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އަދި ދާދިފަހުން ކޯޓުން މި މައްސަލަ ނިންމާފައި ވާއިރު ކޯޓުނީ އަށް 10 މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އަދި 10 އަހަރު ވަންދެން ޖޮލީ އާ އެއްވެސް ގުޅުމެއް ބޭއްވުން ވަނީ މަނާ ކޮށްފަ އެވެ. އޮޅުވާލައިގެން މަކަރު ހަދައިގެން މީހަކަށް ގަސްތުގައި ގެއްލުމެއް ދޭން އުޅުމުގެ ކުށް ސާބިތު ވެގެންނެވެ.
ކޯޓްނީ އަށް ކޯޓުން ހުކުމް ކުރިފަހުން ޖޮލީ ދިން އިންޓަވިއު އެއްގައި ބުނީ އޭނާއާ މެދު ކުރެވުނު ދޮގު ތުހުމަތުތަކުގެ ސަބަބުން އެތައް ފަހަރަކު ޖަލުގައި ބަންދުވެ ބޮޑު ކުށްވެރިއެއްގެ ގޮތުގައި އޭނާ ލޭބަލް ކުރެވުމުން ލިބުނު ހިތްދަތިކަމުން ދިރިއުޅުމުގެ އުންމީދު ވެސް ކެނޑުނު ކަމަށެވެ. އަދި އޭނާ އާ މެދު ކޯޓްނީ ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޖޮލީ ބުންޏެވެ.