ސާޅީހަށް ވަރަކަށް އަހަރު ވިއެޓްނާމްގެ ޖަންގައްޔެއްގައި ދިރިއުޅޭ "ހަގީގީ ޓާޒަން" ހޯ ވެން ލެންގް މަރުވެއްޖެ އެވެ. މިދިޔަ ހޯމަ ދުވަހު އޭނާ މަރުވީ ކެންސަރު ބަލީގަ އެވެ. އޭނާ މަރުވިއިރު އާންމުން ދިރިއުޅޭ ހިސާބުގަނޑުގައި ދިރިއުޅޭތާ އަށް އަހަރު ވެއްޖެ އެވެ. ހަގީގީ ޓާޒަން މަރުވިއިރު އޭނާގެ އުމުރަކީ 52 އަހަރެވެ.
އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހުން ބުނި ގޮތުގައި ވިއެޓްނާމްގެ ޓޭ ޓްރާ ޑިސްޓްރިކްޓްގެ ޖަންގަލީގެ އެންމެ ފުނުގައި ވެން ލޭންގް ދިރިއުޅެން ފެށީ 1972 ވަނަ އަހަރު އެވެ. އެއީ އޭރު ކުރެވުނު ވިއެޓްނާމްގެ ހަނގުރާމައަށް ފިލަން ވެގެންނެވެ. އޭނާއާއެކު ބައްޕަ އާއި ބޭބެ ވެސް ޖަންގައްޔަށް ވަނެވެ.
ވިއެޓްނާމް ހަނގުރާމައިގައި ވެން ލެންގްގެ ގެޔަށް އެމެރިކާއިން ބޮން އެޅުމުގެ ސަބަބުން އޭނާގެ މަންމަ އާއި އިތުރު ދެ ކޮއްކޮ މަރުވި އެވެ. ލޭންގް އާއި އޭނާގެ ބައްޕަ އަދި ކޮއްކޮ ޖަންގައްޔަށް ވަނީ އެކަމާ ގުޅިގެންނެވެ.
ޖަންގަލިން ނުކުމެ 2013ގައި އަވަށުގައި ވެން ލެންގް ދިރިއުޅެން ފެށީ އޭނާގެ ބައްޕަ މާ ބޮޑަށް ބަލިވެ ބައްޕައަށް ފަރުވާ ކުރެވޭނެ އެނޫން ގޮތެއް ނެތިގެންނެވެ. އަދި ބަލި ހާލު ބޮޑުވެ 2017ގައި އޭނާގެ ބައްޕަ ވަނީ މަރުވެފަ އެވެ.
ޖަންގަލިން ނުކުމެ އާންމުން ދިރިއުޅޭ ހިސާބަށް ނައިސް ހޭދަކުރި 41 އަހަރު ތެރޭގައި ވެން ލެންގް މެން ހީކުރީ އަދިވެސް ވިއެޓްނާމް ހަނގުރާމަ ކުރިޔަށްދާ ކަމަށެވެ. ނަމަވެސް ހަނގުރާމަ ނިމި ގައުމު އަނެއްކާވެސް ހަމަޔަކަށް އެޅިފައި އޮތްކަން އެމީހުންނަށް އެނގުނީ ޖަންގަލިން ނުކުތުމުންނެވެ.
ލޭންގްގެ މަރަށް ފަހު އޭނާގެ އެކުވެރިޔާ އަލްވާރޯ ސެރޭޒޯ ބުނީ އަވަށުގެ މީހުން ކައިބޮއި އުޅޭ ޒަމާނީ ކެއުންތައް ކާން ލޭންގް އަށް ވަރަށް އުނދަގޫ ކަމަށެވެ. އަދި އާންމުކޮށް މީހުން ކައި އުޅޭ ކެއުން ލޭންގް އާ ނުގުޅި އޭގެ ސައިޑް އިފެކްޓްސްތައް ލޭންގްގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެންނަމުން ދިޔަ ކަމަށެވެ.
"ލޭންގް ޖަންގަލިން ނުކުމެގެން އައިސް މާގިނައިން ބަނގުރާބޮއި ޕްރޮސެސް ފުޑް ކާން ފެށި. އެހެންވެ ވަރަށް އަވަހަށް އޭނާގެ ސިއްހަތު ގޯސްވި،" ލޭންގްގެ އެކުވެރިޔާ ބުންޏެވެ.
ވިއެޓްނާމްގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ޖަންގަލިން ނުކުތްއިރު ލޭންގް އަށް އެއްގޮތަކަށް ވެސް ވިއެޓްނާމް ބަހުން ވާހަކަ ދައްކާކަށް ނޭނގެ އެވެ. އޭނާގެ ބައްޕަ ވެސް ހުރީ ވާހަކަ ދައްކަން ހަނދާން ނެތިފައި ކަމަށް ވެއެވެ.