ލައިފްސްޓައިލް

ވިއެޓްނާމްގެ 80 އަހަރު މީހަކު ނުނިދާތާ 60 އަހަރުވެއްޖެ

އަރާމު ނިންޖެއް ނިދާލަން ހިތް ނޭދޭނީ ކާކު ހެއްޔެވެ؟ ކޮންމެ އިންސާނަކަށް ވެސް ރެއާ ދުވާލު އެވްރެޖްކޮށް 6-8 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ.

ނިދުމަކީ ހަށިގަނޑު މުޅިން ތާޒާކޮށްލައި ބަލިތަކުން ދިފާއުވުމަށް ވަރަށް މުހިއްމު ކަމެކެވެ. ނިދި މަދުވެއްޖެނަމަ ހަށިގަނޑު ރަނގަޅަށް މަސައްކަތް ނުކުރާކަން ވަރަށް ގިނަ ބަޔަކަށް ތަޖުރިބާ ކުރެވިފައިވާނެ އެވެ. ނަމަވެސް 80 އަހަރުގެ މީހަކު އެއްގޮތަކަށް ވެސް ނުނިދާ އުޅޭތާ 60 އަހަރު ވެއްޖޭ ބުނެފިއްޔާ ގަބޫލު ކުރެވޭނެ ހެއްޔެވެ؟

ވިއެޓްނާމްގެ މި މީހާގެ ވާހަކަ ކިޔައިދީފައިވަނީ ޔޫޓިއުބު ވީޑިއޯ އެއްގަ އެވެ. މި ވީޑިއޯގައި ބުނެފައިވާ ގޮތުގައި 1962 ވަނަ އަހަރުން ފެށިގެން މި މީހާ އެއްގޮތަކަށް ވެސް ނުނިދަ އެވެ.

ތައި ނޮކް، 80، ބުނާ ގޮތުން އޭނާ ނިދި ހަނދާނެއް ވެސް ނެތެވެ. އޭނާގެ އުމުރުން 20 ވަރަކަށް އަހަރުގައި ވަރަށް ގަދަ ހުމެއް އައި ކަމަށާއި ނުނިދެން ފެށީ އޭގެ ފަހުން ކަމަށް ނޮކް ބުންޏެވެ.

މިހާ ގިނަ ދުވަހު ނުނިދާ އުޅުމަކީ އާދައިގެ އިންސާނަކަށް ކުރެވޭވަރުގެ ކަމަކަށް ނުވާތީ އޭނާ އަކީ ސުޕަހިއުމަން އެއް ކަމަށް ބަޔަކަށް ހީވެދާނެ އެވެ. ނަމަވެސް ނޮކް ބުނަނީ އޭނާވެސް އަރާމުކޮށް ނިދާލަން ބޭނުންވާ ކަމަށާއި އޭނާއަށް ނުނިދެނީ ކަމަށެވެ.

ވިއެޓްނާމްގެ މީޑިއާތަކުން ބުނި ގޮތުގައި ނޮކްގެ އާއިލާގައި ހިމެނޭ އޭނާގެ އަންހެނުންނާއި ދަރިން އަދި އެނޫންވެސް މެންބަރުންނަށް އަދި ނޮކްގެ އަވަށްޓެރިންގެ ތެރެއިން މީހަކަށްވެސް އޭނާ ނިދަނިކޮށް ދުވަހަކުވެސް ފެނިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ނޮކް އަށް ނުނިދޭ ކަމަށް ބުނާތީ އޭނާ ލައްވާ އެކި ޓެސްޓްތައް ވެސް ކޮށްފައި ވެއެވެ. އަދި މި ޓެސްޓް ހެދި އެއްވެސް މީހަކަށް ވެސް ނޮކް ހަދަނީ ދޮގެއް ކަން ސާބިތުކޮށެއް ނުދެވުނެވެ. ސަބަބަކީ އެމީހުން ވަރަށް މަސައްކަތް ކޮށްގެން ވެސް ނޮކް ނިދާފައި އޮއްވާ ފެނިފައި ނުވާތީ އެވެ.

ނޮކް ކަހަލަ 80 އަހަރުގެ މީހަކަށް ނިދި ވަރަށް މުހިއްމު ވާނެ އެވެ. އަދި އެހާ އުމުރުން ދުވަސް ނުވިޔަސް ނުނިދެން ފަށައިފިނަމަ އޭގެ ނޭދެވޭ އަސަރު ކޮންމެ މީހަކަށް ވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކުރާނެ އެވެ. ނަމަވެސް ނުނިދާ އުޅުމަކުން ނޮކްގެ ސިއްހަތަކަށް ނޭދެވޭ އަސަރެއް ނުކުރެ އެވެ. ނިކް އަދިވެސް ހުރީ ވަރަށް ފިޓްކޮށެވެ. އަދި އޭނާ އަކީ ކެއިންބުއިމަށް ވަރަށް ބަލައިގެން އުޅޭ ސިއްހަތު ރަނގަޅު ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ.

ގްރީން ޓީ ވަރަށް ގިނައިން ނޮކް ބޮޔެވެ. ނޮކް ނުނިދިޔަސް އަދި ނުނިދާތީ އޭނާއަށް އޭގެން އުނދަގުލެއް ނުވިޔަސް ނިދާލަން އޭނާގެ ވެސް ހިތް ވަރަށް ބޮޑަށް އެދެ އެވެ. އެއީ އޭނާ ވަރަށް ކުރަން ބޭނުންވާ ކަމެކެވެ.

މި ޔޫޓިއުބު ވީޑީއޯގައި ބުނެފައިވާ ގޮތުގައި ނޮކް އަށް ދިމާވެގެން އުޅޭ މައްސަލައަކީ ކޮބައިކަމެއް އަދި އެކަކަށް ވެސް ހޯދިފައެއް ނެތެވެ.