ހަށިގަނޑުގައި ނުކުޅެދުމެއް ހުރުމަކީ އެމީހާ މުޅި އުމުރު ކަމެއް ނުކޮށް އެހެން މީހުންނަށް ބަރޯސާ ވެގެން އުޅެން ޖެހޭ ކަމެއް ނޫންކަން ވަރަށް ގިނަ މީހުން ދަނީ ސާބިތު ކޮށްދެމުންނެވެ. ވިއެޓްނާމްގެ މިމީހާ އަކީ ވެސް އެފަދަ ހިތްވަރުގަދަ މީހުން ދުނިޔޭގައި އުޅޭކަމުގެ ރަނގަޅު މިސާލެކެވެ.
ލޭ ހޮންގް ވޫ މިންހް އަކީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ މީހެކެވެ. އޭނާގެ ލޮލުގެ ފެނުން ގެއްލުނީ އުމުރުން އެންމެ 10 އަހަރުގަ އެވެ. ލޮލަށް ނުފެނުނަސް މިންހް އަކީ ހިތްވަރުގަދަ މީހެކެވެ. އަދި ލޮލަށް ފެނުނުއިރު ކިޔަވަމުން ދިޔަ ގޮތަށް ލޮލުގެ ފެނުން ގެއްލުމުން ވެސް އޭނާ ކިޔަވަމުން ގޮސް ސްކޫލް ދައުރު ނިންމައި ކޮލެޖުން ވެސް ގްރެޖުއޭޓް ވިއެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ކިޔަވަން ސްކޮލަޝިޕް ވެސް އޭނާއަށް ލިބުނެވެ.
މިހާރުވެސް ކިޔަވަމުންދާ މިންގް އަކީ އޭނާ ކިޔެވި ސްކޫލްގެ އިނގިރޭސި ޓީޗަރެއްގެ ވަޒީފާ ވެސް އަދާކުރާ މީހެކެވެ. މިންގްގެ ދަރިވަރުންނާއި އެކުދިންގެ މައިންބަފައިން އެއްބަސްވާ ގޮތުގައި މިންހް އަކީ އާދައިގެ ޓީޗަރެއް ނޫނެވެ. ކިޔަވައިދިނުމުގައި ލާމަސީލު މޮޅު ޓީޗަރެކެވެ.
ވަރަށް ކުޑައިރުއްސުރެ މިންހްގެ ލޮލުގެ ފެނުން ގެއްލެމުންދާކަން އޭނަގެ މައިންބަފައިންނަށް ފާހަގަކުރެވުނެވެ. އަދި ލޮލަށް ނުފެންނަން ފެށުމުން ލޯފަން ކުދިން ކިޔަވާ ސްކޫލަކަށް އޭނާ ބަދަލުކުރި އެވެ. އެ ސްކޫލްގައި އޭނާ ދެ އަހަރު ކިޔަވައި ލޮލަށް ނުފެނުނަސް ކިޔަވާނެ ގޮތް ދަސްކޮށް އާދައިގެ ސްކޫލަކަށް ބަދަލުވެ ތައުލީމީ ހަޔާތުގެ ބާކީ ބައި ފުރިހަމަކުރީ އާދައިގެ ސްކޫލަކުންނެވެ. އަދި އޭނާއަކީ ކިޔެވުމަށް މޮޅު ކުދިން ފަދަ މޮޅު ކުއްޖަކަށް ވެސް ވިއެވެ.
ނަމަވެސް މިންހްގެ ކިޔެވުމުގެ ދަތުރުގައި ބައެއް ދުވަސްދުވަހު ވަރަށް އުނދަގޫ ކަންތައް ތަކާ ދިމާވެ އެވެ. މިސާލަކަށް ބައެއް މާއްދާތައް ކިޔަވަން އޭނާއަށް އެހާ ފަސޭހައެއް ނޫނެވެ. އަދި އެފަދަ މާއްދާތަކަކީ "ލޮލަށް ނުފެންނަ" ކުދިންނަށް އެހާ ފަސޭހަ މާއްދާތަކެއް ނޫން ކަމަށް ޚުދް މިންހް ވެސް ގަބޫލު ކުރެ އެވެ. މިސާލަކަށް ތުރީ-ޑައިމެންޝަނަލް ޖިއޮމެޓްރީ ކަހަލަ ފިލާވަޅުތައް ލޮލަށް ނުފެންނާތީ މިންހް އަށް ހަދަން އުނދަގުލެވެ. ސަބަބަކީ ގްރާފްތައް ހުންނަން ޖެހޭ ގޮތް ނުފެންނާތީ އެ އެއްޗެތި ވިސްނުމަށް ފެންނަން އުނދަގޫ ވުމެވެ.
އެހެންވެ ތައުލީމު ފުރިހަމަކުރީ ފެކަލްޓީ އޮފް އިންގްލިޝް ލިންގުއިސްޓިކްސް އެންޑް ލިޓްރޭޗާ އެންޑް ހިއުމެނިޓީސް އިންނެވެ. އަދި އެއަށްފަހު އޮސްޓްރޭލިއާގައި ސެޕެޝަލް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓާޒް ޑީގްރީ އަށް ކިޔަވާނެ ސްކޮލަޝިޕެއް އޭނާއަށް ލިބުނެވެ.
މިންހް ބޭނުންވި ނަމަ ވިއެޓްނާމް ނޫން ގައުމުތަކުން ވެސް އޭނާއަށް ވަޒީފާ ލިބުނީހެވެ. ނަމަވެސް އޭނާ ބޭނުންވީ އަމިއްލަ ގައުމުގައި އޭނާ ކިޔެވި ކޮލެޖުގައި ކިޔަވައިދޭށެވެ. އެގޮތުން އޭނާ މިހާރު ކިޔަވައިދެނީ ވިއެޓްނާމްގައި ހުރި ލޯފަންކުދިންނަށް ޚާއްސަ ސްކޫލެއްގަ އެވެ. އޭނާ ފަދަ ބަޔަކަށް އޭނާގެ ދަރިވަރުން ވެސް ވާނެކަމުގެ އުންމީދާ އެކުގަ އެވެ.