ބޮލީވުޑް

އެކްޓިން ހުއްޓާލަން އާއިލާ ޕްރެޝަރު ކުރޭ: އަރޫނާ

ކޮވިޑް-19 އިގެ އާލަމީ ވަބާ ފެށުނީއްސުރެ ބަތަލާ އަރޫނާ އިރާނީ ވަނީ ފިލްމުތަކާއި ސީރިސްތަކުގައި ބައިވެރިވުން މުޅިން ހުއްޓާލާފަ އެވެ. ފާއިތުވީ އެތައް އަހަރެއް ތެރޭ ގިނަ ފިލްމުތަކަކާއި ސީރީސްތަކެއް ކުޅެފައިވާ އަރޫނާ ބުނި ގޮތުގައި ޕެންޑެމިކް ތަންކޮޅެއް މައިތިރިވެފައި އޮތަސް ޝޫޓިންގްތަކަށް ދާކަށް އޭނާއަކަށް އަދިވެސް ނުކެރޭނެ އެވެ.

އުމުރުން މިހާރު 75 އަހަރު ފުރިފައިވާ އަރޫނާ ބުނި ގޮތުގައި އެކްޓް ކުރުމާ ދުރަށް ދިއުމަށް އާއިލާއިން ވެސް މިހާރު ވަރަށް ބޮޑަށް އޭނާއަށް ޕްރެޝަރު ކުރެ އެވެ.

އަރޫނާ ބުނި ގޮތުގައި އާއިލާއިން ޕްރެޝަރު ކުރިޔަސް އޭނާއަށް އެކްޓްކުރުމާ ދުރުގައި ހުންނާކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް އަލުން މަސައްކަތަށް އެނބުރި ދާން ކެރޭނީ އަދި ދުވަސްކޮޅެއް ބަލާފަ އެވެ.

"މަގޭ އުމުރަށް ބަލާފަ އަހަންނަށް ހީވަނީ އަދި ނުވެޔޭ ފިލްމު ސެޓުތަކަށް ދާކަށް. ނަމަވެސް އެއްކޮށް މަސައްކަތް ހުއްޓާލާ ހިތެއްވެސް ނެތް އާއިލާއިން ކިތަންމެ ބުންޏަސް. ބައެއް ފަހަރު ހިތަށް އަރާ އާ ޕްރޮޖެކްޓްތަކެއް ނަގަން ވިއްޔޭ. އެހެން ހިތަށް އަރާފާ ވެސް ހަމަ ބިރުގަންނަވަރުން އިހަށް މަޑުކޮށްލެވެނީ،" އަރޫނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާއިލާގެ މީހުން އޭނާ ކައިރީގައި ދެން މަސައްކަތް ނުކުރަން ބުނަނީ އެމީހުން އޭނާ ދެކެ ލޯބިވާތީ އޭނާއަށް ކަމޭހިތާތީ ކަން އޭނާ ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް ގޭގައި ކަމެއް ނެތި އިންނަންވީމަ ވަރަށް ފޫހިވާކަމަށާއި މަސައްކަތް ކުރަން ބޭނުންވަނީ އެހެންވެ ކަމަށް އަރޫނާ ކިޔައިދިނެވެ.

މިދިޔަ އަހަރުގެ އޮގަސްޓާ ހަމަޔަށް ބޮމްބޭ އެ ހިސާބަކަށް ނިސްބަތްވާ މަހަރަޝްތުރާ ސްޓޭޓް ސަރުކާރުން އޮތީ އުމުރުން 65 އަހަރުން މަތީގެ ފަންނާނުންނާއި 10 އަހަރުން ދަށުގެ ކުދިން ފިލްމު ޝޫޓިންގްތަކުގައި ބައިވެރިކުރުން މަނާ ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޝޫޓިންގްތަކުގައި ބައިވެރިވެވެ އެވެ.

އަރޫނާ ބުނީ އޭނާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވިޔަސް އަދި ހަމަ ފިލްމު ސެޓަށް ދިއުން އެހާ ރައްކާތެރިކަމަށް ނުފެންނާތީ މަޑުކޮށްލައިގެން ހުރީ ކަމަށެވެ.

އަރޫނާގެ ފިލްމީ ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބު ފިލްމުތަކާއި ސީރީޒްތައް ކުޅެފައި ވެއެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބޮބީ"، "ސަފަރް"، "އަންދާޒް"، "ކާރްވާން"، "ދިލް ތޯ ޕާގަލް ހޭ"، "ގޯޕީ ކިޝަން"، "ބޭޓާ" ހިމެނެ އެވެ. އަރޫނާގެ މަޝްހޫރު ސީރީޒްތަކުގެ ތެރޭގައި "ކަހާނީ ގަރް ގަރް ކީ"، "ޑޯލީ ސަޖާ ކެ" އަދި "ދޭޝް މެ ނިކްލާ ހޯގާ ޗާންދް" ފާހަގަ ކޮށްލެވެ އެވެ.