އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ. މި ބަދަލުތަކުގެ ތެރޭގައި ދުނިޔެ އެންމެ ބޮޑަށް ފާހަގަ ކުރަނީ ފޮރިން މިނިސްޓަރު ޑޮމިނިކް ރާބްއަށް ފޮރިން ސެކްރެޓަރީގެ މަގާމު ގެއްލި ވަޑައިގަތުމެވެ.
ބޮރިސް ޖޯންސަންގެ ކެބިނެޓުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދެން ބައިވެރިވެ ވަޑައިގަންނަވާނީ ލިޒް ޓްރަސް އެވެ. މިނިސްޓަ ފޯ ވުމަން އެންޑް އީކުއާލިޓީގެ މަގާމު ވެސް ލިޒް ފުރުއްވާނެ އެވެ.
ޑޮމިކިން ރާބްއަށް ފޮރިން މިނިސްޓަރުކަން ގެއްލި ވަޑައިގެންނެވި ނަމަވެސް މިހާރު އެއީ ޖަސްޓިސް މިނިސްޓަރެވެ. އޭނާއަށް އަދި އޭގެ އިތުރުން ޑިޕިއުޓީ ބޮޑުވަޒީރުކަން ވެސް ވަނީ ދެއްވާފަ އެވެ.
ޑޮމިނިކް ރާބްއަށް ފޮރިން ސެކްރެޓަރީކަން ގެއްލި ވަޑައިގެންނެވި އެންމެ ބޮޑު ސަބަަބަކީ އަފްޣާނިސްތާނަށް ތާލިބާނުން އަރައިގަނެ މައްސަރު ބޮއްސުންލާފައި އޮއްވައި ޗުއްޓީއަށް ވަޑައިގަތުމެވެ.
އަފްޣާންގައި ތިބި އިނގިރޭސި އޮފިޝަލުންނާއި އާންމުން ތާށިވެ އެހީއަށް އެދި ފޮރިން މިނިސްޓްރީއަށް ފޮނުވި އީމެއިލްތައް ކިޔާނެ މީހަކު ނުވުން ވެސް ވަނި ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ މިކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަދި ކެބިނެޓް އަލުން ރާވާލަން ބޮޑުވަޒީރަށް އޮތީ ޕްރޮޝަރު ކޮށްފަ އެވެ.
ބޮޑުވަޒީރު ޖޯންސަން ކެބިނެޓް އަލުން ރޭއްވެވިއިރު ބައެއް މިނިސްޓަރުންނަށް މަގާމު ގެއްލި ވަޑައިގެންނެވި އެވެ. އަދި ބައެއް މިނިސްޓަރުން އެ މަގާމުގައި ތިއްބެވި ގޮތަށް ތިއްބެވީ އެވެ. އިނގިރޭސި ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު ވެސް ހެލްތު ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވާނެ އެވެ.