އެޗްޑީސީ

މުވައްޒަފުންގެ ތަޖުރިބާ ހިއްސާކުރާ ޕްލެޓް ފޯމެއް

ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ) ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަޖުރިބާތައް ހިއްސާ ކުރާ ހާއްސަ ޕްލެޓް ފޯމެއް އެ ކޯޕަރޭޝަނުން ތައާރަފްކޮށްފި އެވެ.

މި ވާޗުއަލް ޕްލެޓްފޯމް ތައާރަފްކޮށްފައިވަނީ "ނޮލެޖް ހަބް" ގެ ނަމުގަ އެވެ. ޕްލެޓްފޯމް ލޯންޗުކޮށްފައި ވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ. ޕްލެޓްފޯމް ލޯންޗުކުރުމަށްފަހު މުވައްޒަފުންގެ ތަޖުރިބާތައް އެންމެ އެކަށޭނެ ގޮތުގައި ހިއްސާކުރާނެގޮތް ދަސްކޮށްދިނުމަށް ސްކިލްސް ޕްރޯ ޕްރޮގްރާމް ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެޗްޑީސީން ވަނީ ފަށާފަ އެވެ.

ނޮލެޖް ހަބަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މައުލޫމާތު ހިއްސާކުރުމަށް ބާރުއެޅުމުގެ ގޮތުން އިފްތިތާހު ކުރި ވާޗުއަލް ޕްލެޓްފޯމެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މި ޕްލެޓްފޯމްގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"އަމާޒަކީ ނޮލްޖް ހަބް މެދުވެރިކޮށް އެކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުންގެ މައުލޫމާތުތައް އެހެން މުވައްޒަފުންނާ ފަސޭހައިން ހިއްސާކުރެވޭނެ މަގުފަހިކޮށްދިނުން." އެޗްޑީސީން ބުނެ އެވެ.

ޕްލެޓްފޯމެއް އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ އެޗްޑީސީގެ މުވައްޒަފުން ތަޖުރިބާ އާއި މައުލޫމާތު އެހެން މުވައްޒަފުންނާ ހިއްސާ ކުރުން ކަމަށް އެޗްޑީސީން ބުނެ އެވެ. މީގެ ސަބަބުން މުވައްޒަފުންގެ ގުޅުން ބަދަހިވެ މަސައްކަތަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ބުނެ އެވެ.

ނޮލްޖް ހަބް މެދުވެރިކޮށް ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެ އެވެ. އަދި މި ޓްރެއިނިން ޕްރޮގްރާމްތައް ނަގައިދިނުމުގެ ހުއްދަ ދޭނީ އެމީހެއްގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބެލުމަށްފަހު އެވެ. ޓްރެއިނަރުން ހޮވުމުގެ މަސައްކަތްކުރާނީ އެޗްޑީސީގެ ޓެލެންޓް ޑިވެލޮޕްމެންޓް ސެކްޝަނުންނެވެ.