ފައިސަލް ނަސީމް

އަންހެނުން ބާރުވެރިކުރަންޖެހޭ: ނައިބް ރައީސް

Sep 16, 2021
2

އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހުން ދުވަހަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުސަތުތައް ކުރިއަށް ވުރެ ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76 ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންފައިވާތީ ނައިބް ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ވެސް މުހިއްމު ގައުމެއްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަދި އަގުލަބިއްޔަތަށް ތަބާވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މި ހަފުލާގައި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ އެ ކޮމިޝަނުން 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވާފަ އެވެ. މީގެއިތުރުން މި ހަފުލާގައި ފައިސަލް ނަސީމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

މި ހަފްލާގައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބު ޕޯޓަލް ވެސް އިފްތިތާހުކޮށްފަ އެވެ. މި ޕޯޓަލް އަކީ ނިމިދިޔަ އިންތިހާބުތަކުގެ ތަފާސްހިސާބުތައް އެއްތަނަކުން ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އެކެވެ.