ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ކުޅެން ހަމަޖެހިފައިވާ މެޗު އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި އެވެ.
މީގެ ކުރިން ތާވަލު ކުރެވިފައިވާ ގޮތުން ރާއްޖެ އާއި ނޭޕާލު ބައްދަލުކުރާނީ މުބާރާތުގެ ފުރަތަމަ މެޗުގަ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި އޮތީ އޮކްޓޫބަރު އެކެއްގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ނަމަވެސް ތާވަލަށް ގެނެވުނު ބަދަލާއި އެކު މިހާރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. އަދި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗު އޮންނާނީ އެރޭ ނުވައެއް ޖަހާއިރު އެވެ.
އެފްއޭއެމްގެ މޭޑިއާ އޮފިޝަލް ޒަމީލް އަވަސްއަށް ވިދާޅުވީ ތާވަލަށް މި ބަދަލު ގެނެވުނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭގަނޑު ބާއްވަން ނިންމުމާއި ގުޅިގެންނެވެ.
މީގެ ކުރިންވެސް މުބާރާތުގެ ތާވަލަށް ވަނީ ބަދަލު ތަކެއް ގެނެސްފަ އެވެ. އެއީ ދެ މެޗު ދޭތެރޭގައި ރެސްޓު ކުރަން ގިނަ ވަގުތު ދިނުމަށެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ބަންގްލަދޭޝްއާ އެވެ. އޭގެ ފަހުން 10 ވަނަ ދުވަހުގެ ހަވީރު ސްރީލަންކާ އާއި ބައްދަލުކުރުމަށްފަހު 13 ވަނަ ދުވަހު ބައްދަލުކުރާނީ ވަރުގަދަ އިންޑިއާ އާއި އެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން މޮޅުވެގެންނެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ޓީމުންނެވެ. އެހެންކަމުން މީގެ ކުރިން ދެ ގްރޫޕަކަށް ބަހައިގެން މުބާރާތް ކުޅުނު ނަމަވެސް މިފަހަރު ކުރިއަށް ދާނީ ލީގު އުސޫލުންންވެ. އަދި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލުގައި ވާދަ ކުރާނެ އެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ދިވެހިރާއްޖެ، ސްރީ ލަންކާ، އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން މިފަހަރުގެ މުބާރާތުގައި ޕާކިސްތާނަށް ނުކުޅެވޭނެ އެވެ. އަދި ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެގައުމުން ބޭރަށް ދިޔުން މަނާ ކޮށްފައި ވާތީ ބޫޓާން ވެސް މިމުބާރާތުގައި ބައިވެރި ނުވާނެ އެވެ.