ވެމްކޯ

ސިޓީ ކައުންސިލުން 30 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް 30.5 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި އަދި ވަކިވަކި ގޭބިސީތަކުން ޖުމްލަ އަދަދެއްގެ ގޮތުގައި ގާތްގަނޑަކަށް 59 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީޕް ފައިނޭންޝަލް އޮފިސަރު ހަލީމް ވިދާޅުވީ މާލެއިން އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވަނީ 16،000 ގޭބިސީ ކަމަށެވެ. މީގެތެރެއިން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 12000 ގޭބިސީއެއްގައި ތިން ބިލަށްވުރެ ގިނަ ބިލަށް ފައިސާ ނުދައްކާ އެބައޮތް ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑްގެ އެންމެ އުދަނގޫ ދުވަސްތަކުގައި އެ ކުންފުނިން ދިޔައީ ރަޖިސްޓާކޮށްފައިވާ އަދި ނުކޮށް ތިބި ގޭބިސީތަކަށް ވެސް ބަރާބަރަށް ހިދުމަތް ފޯރުކޮށްދެމުން ކަމަށެވެ.

ސިޓީ ކައުންސިލުން އެދިފައިވާ ގޮތަށް ސަރުކާރާއި އަދި އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށްފަހު މިހާރު ކުނި ގެންދާނީ އެޕާޓްމެންޓްތަކުގެ ދޮރު ކައިރިން ކަމަށް އާދަމް ވިދާޅުވި އެވެ. ރެއިން ފެށިގެން އެގޮތަށް އަމަލުކުރަން ފެށި ނަމަވެސް ގިނަ އަދަދެއްގެ މީހުން ބޭރަށް ކުނި ނެރެފައިވާ ކަމަށާއި އެހެންކަމުން ރަޖިސްޓްރީ ކުރުން މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީ ކުރަން އިތުރު ފުރުސަތެއް ދިނީ ވީހާވެސް ގިނަ ގޭބިސީ އަކަށް ފުރުސަތު ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ އެޕްރީލް 16 ވަނަ ދުވަހުން ފެށިގެން މި ޕެންޑެމިކް ތެރޭގައި އަޅުގަނޑުމެން މި ގެންދިޔައީ ރަޖިސްޓްރީ ކުރިއަސް ނުކުރިޔަސް އަދި ހިދުމަތަށް ލާރި ދެއްކިޔަސް ނުދެއްކިޔަސް މިދިޔައީ ހިދުމަތް ދެމުން. ވަރަށް ދިގު މުއްދަތަކަށް އެ ފައިސާ ނުދެއްކި ނަމަވެސް މިދިޔައީ ހިދުމަތް ދެމުން،" އާދަމް ވިދާޅުވި އެވެ.

އާދަމް ވަނީ ސިޓީ ކައުންސިލުން ދައްކަމުން ގެންދާ ބައެއް ވާހަކަތަކަށް ވެސް ރައްދު ދީފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މަގުތަކަށް ކުނި ނެރޭތީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެކުންފުނިން ހުސްކޮށްދޭން އެދިފައިވާ ޕޫލިން ޕޮއިންޓްތައް އަދިވެސް ސިޓީ ކައުންސިލުން ހުސްކޮށްދީފައި ނުވާ ކަމަށެވެ.

އާދަމް ވިދާޅުވީ ވެމްކޯގެ ވެހިކަލް ކޮންމެ ފަހަރަކު މަޑުކޮށްގެން އޮންނަނީ ޕޭވްމަންޓްގެ އެއްފަޅީގައި ކަމަށާއި އެކަމުގެ ސަބަބުން ހިނގާ މީހުންނަށް ވެސް އުނދަގޫވާ ކަމަށެވެ. ކޮންމެ ދުވަހަކު ހަވީރު 6:00 އިން ރޭގަނޑު 11:00 އަށް މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ޕޮއިންޓްތަކެއް ވެމްކޯގެ ވެހިކަލް ބާއްވަން ހުސްކޮށްދޭނެ ކަމަށް ކައުންސިލުން ބުނިނަމަވެސް އެކަން ނުކޮށްދޭ ކަމަށްވެސް ވިދާޅުވި އެވެ.

ރޭގައި އަލުން ގޭގޭގެ ފަންގިފިލާތަކުން ކުނި ނަގަން ފަށާފައިވާއިރު ރަޖިސްޓާ ނުކޮށް ތިބި ގިނަ ބަޔަކު ވަނީ މަގު މައްޗަށް ކުނި ނެރެފަ އެވެ. އެ ކުނިތައް މިއަދު ނަގާފައިވަނީ ސިޓީ ކައުންސިލުންނެވެ. އެ ކުނިތައް ވެމްކޯ ދޮރުމައްޗަށް ކައުންސިލުން އެޅުމުން ފާޑުކިޔުންތަކާ ކުރިމަތިވުމުން ފަހުން ވަނީ މައާފަށް އެދިފަ އެވެ.

"ގޭބިސީތައް ރަޖިސްޓާކޮށްގެން ކުނި ނެގުމަކީ އެމީހުންނާ ގޭބިސީތަކާ ދެމެދު އޮންނަ ކަމެއް. އަޅުގަނޑުމެން މި ދަންނަވަނީ މާލެ މަގުމައްޗަށް ނެރޭ ކުނިތައް ވެމްކޯއިން ނަގަންވާނެއޭ. ސަބަބަކީ އެގޮތަށް އަޅުގަނޑުމެންނާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި އޮތީމަ. މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަކީ އެބޭފުޅުންގެ ޒިންމާއެއް. އެ ޒިންމާގެ ދަށުން އެކަން ކުރަންވާނެ،" ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވި އެވެ.