ގޭބީސީތަކުން މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.
ވެމްކޯ އިން މިފަދައިން އިލްތިމާސްކޮށްފައި ވަނީ މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ހުއްޓާލުމާއި ގުޅިގެން ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ބާވަތްތަކުގެ ކުނި ނެރެފައި ހުރުމުންނެވެ.
މަގުތަކުގައި ކުނި ހުރުމުން އާންމުންގެ ޝަކުވާތައް ގިނަވަމުންދާ ކަމަށާއި އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ އެންގެވުމަކަށް މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން ވަނީ ފަށާފަ އެވެ.
ކުނި އުކާލުމުގެ ހިދުމަތަށް ވެމްކޯގައި ރަޖިސްޓްރީ ނުކުރާ ގޭބީސީތަކުން ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ މަގުތަކުގައި ހުންނަ ކުނި ނެގުން ވެމްކޯ އިން ހުއްޓާލީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން މިމަހުގެ 26 ވަނަ ދުވަހު ހަމަވުމާ ގުޅިގެން އެއްބަސްވުން އާކުރުމަށް މާލެ ސިޓީ ކައުންސިލުން ބޭނުން ނުވުމުންނެވެ. މި އެއްބަސްވުމަކީ މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި އުފެދޭ ކުނި ނަގައި ސާފުކުރުމަށް ވެމްކޯއާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައި އޮތް އެއްބަސްވުމެކެވެ.
މާލެ ސިޓީ ކައުންސިލުން އެއްބަސްވުން އާނުކޮށް އެ އިދާރާ އިން އަމިއްލަ އަށް ކުނި ނެގުމަށް ނިންމާ އެ މަސައްކަތް ފެށުމާ އެކު ވެމްކޯ އިން ވަނީ މާލޭގެ ގޭބިސީތަކުގެ ދޮރުމަތީގައި ބަހައްޓާފައި ހުންނަ ކުނި ކޮތަޅުތައް ވެސް ނެގުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ބުނީ އެއީ ވެމްކޯއަށް ފައިސާ ދައްކާ ގޭބިސީތަކުން އުކާލުމަށް ގޭދޮރުމައްޗަށް ނެރޭ ކުނި ކަމަށްވާތީ އެގޮތަށް ހުންނަ ކުނި އުކާލުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. އެފަދަ ކުނި އުކާލުމަށްވެސް ވެމްކޯ އިން ދެކޮޅު ހެދުމުން މާލެ ސިޓީ ކައުންސިލުން ބުނީ ވެމްކޯ އިން ކުރަނީ ޖެއްސުމެއް ކަމަށެވެ.