ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމްގެ އެބައި ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދުމާއި އެކު ހައި ކޯޓުގެ ހުކުމް އިސްތިއުނާފްކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ބަންޑާރަނައިބް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިންތަކާ ގުޅޭ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާއި ޝަރީއަތުގައި ތަމްސީލުކުރުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ ހުކުމްގެ އެ ބައި ދައުލަތުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. އަދި ހައި ކޯޓުން އެގޮތަށް ކަނޑައެޅުއްވި ބައި ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އިސްތިއުނާފް މައްސަލާގައި އެދިފައިވާނެ ކަމަށެވެ.
އިސްތިއުނާފު ކުރި ސަބަބު:
- ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްސެއްކަން
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްގެ މިލްކުގެ ތެރޭގައި ހިމެނޭ ތަންތަން ކަން އެނގެން އޮތުން
ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބިން މިލްކު ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލް ތަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށެވެ.
ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުލަތަށް ރައްދުވާ މައްސަލައެއްގެ ގޮތަށެވެ.
މައްސަލައިގައި ޖަވާބުދާރީވާން ފެންފުށި ކައުންސިލަށް އެންގުމުން ކައުންސިލުން ބުނެފައިވަނީ ވަކީލަކު ނެތް ކަމަށާއި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އޭޖީ އޮފީހަށް ޖަވާބުދާރީ ވާން ކޯޓުން އެންގި އެވެ.
ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި ހަވާލާދީ އޭޖީ އޮފީހުން ބުނެފައިވަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސިއްޔަތަކަށް ވާތީ މި މައްސަލައިގައި ވަކާލާތު ކުރަން ނުފެންނަ ކަމަށެވެ.
މި ބަހުސް އެގޮތަށް އައުމުން، ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ ކުރިން ހައިކޯޓުން އެންމެ ފުރަތަމަ ވަނީ މިކަމަށް ގޮތެއް ކަނޑައަޅާފަ އެވެ. މި މައްސަލައަކީ ރައްޔިތެއްގެ ފަރާތުން އެ ކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަކަށްވެފައި، ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނެތިގެން އެ މައްސަލަ ކޯޓުން ބޭރުވެގެން ނުދާނެ ކަމަށް އެ ހުކުމްގައި ބުނެ އެވެ.
"ކައުންސިލަކީ ގާނޫނީ ޝަހްސިއްޔަތަކަށް ވިޔަސް ދައުލަތް ތަމްސީލުކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައެއް ނެތެވެ. ހަގީގަތަކީ، ރަށު ކައުންސިލްގެ އިހްތިސާސްގައި ނުވަތަ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ހިމެނި އެބާރު ލިބިދީފައި ނެތްކަމެވެ،" ހައިކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހަވާލާދީ ބަންޑާރަނައިބަށް ދައުލަތް ތަމްސީލުކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ގާނޫނަށް ދިން ތަރުޖަމާއަކީ ގާނޫނުސާސީއާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު ރަނގަޅު ތަރުޖަމާއެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ދައުލަތުގެ އާންމު މަސްލަަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ބަންޑާރަނާއިބާއި ކައުންސިލްތަކާ ދެމެދުގައި އޮންނަންޖެހޭ އިދާރީ ގުޅުން ތަންޒީމު ކުރުމަކީ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަންޖެހޭ ކަމެއް ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ.