ހަބަރު

ކުދި ގައުމުތަކުގެ ހައްގުތަކަށް ވަކާލާތު ކުރަން ރާއްޖެ ފަސް ނުޖެހޭނެ: ދުންޔާ

Jan 16, 2015

އެކަމަނާ މިހެން ވިދާޅުވީ ކުދި ގައުމުތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ. އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓަސް (އެއޯސިސް) އިން އިއްޔެ ނިއުޔޯގައި ފެށި ބައްދަލުވުމަށް ފޮނުއްވެވި މެސެޖެއް މެދުވެރިކޮށެވެ.

އެކަމަނާގެ މެސެޖް އެ ބައްދަލުވުމުގައި އިއްވަވައި ދެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރެވެ. މިއީ ރާއްޖެއިން އެއޯސިސްގެ ރިޔާސަތާ ހަވާލުވި ފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މެސެޖް މެދުވެރިކޮށް އެކަމަނާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ މަޝްވަރާތަކުގައި ކުދި ގައުމުތައް ތަމްސީލް ކުރުމަކީ ފަހުރެއް ކަމަށާއި މި ވަގުތަކީ ކުދި ގައުމުތަކުގެ މުސްތަގުބަލް ހިމާޔަތް ކުރާނެ ފަދަ މުހިންމު އަދި ފައިދާ ހުރި ނިންމުންތަކެއް ނިންމަންޖެހޭ ވަގުތެއް ކަމަށެވެ.

ކުދި ގައުމުތަކުގެ ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ މަޝްވަރާތަކުން ކުދި ގައުމުތަކަށް އޮތް ފުރުސަތުތައް ވަރަށް މުހިންމު ކަމަށް އިޝާރާތް ކުރައްވާ އެކަމަނާ ވިދާޅުވީ މިފަދަ ދަނ ޑިވަޅެއްގައި ކުދި ގައުމުތަކުގެ ފަރާތުން އިސް ނަގައިގެން ވަކާލަތު ކުރުމަށް ލިބުމަކީ ރާއްޖެއަށް ލިބޭ ފަހުރެއް ކަމަށާއި ރާއްޖެއިން އެއޯސިސްގެ ރިޔާސަތާ ހަވާލުވީ ދުނިޔެ ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމަށް އަންނަ ބަދަލުތަކާއު ގުޅޭ ގޮތުން މުހިންމު ނިންމުންތަކެއް ނިންމަމުންދާ އަހަރެއްގައި ކަމަށެވެ.

އަދި ޕޯސްޓް ޑިވެލޮޕްމެންޓް އެޖެންޑާ ތަންފީޒު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުހިންމު ނިންމުންތަކެއް ނިންމާ ދުވަސްވަރެއްގައި ރާއްޖޭގެ އިސް ނެގުމުގެ މަތީން އުފެދުނު ކޯލިޝަންގެ ރިޔާސަތާ ހަވާލުވުމަކީ ލިބޭ ފަހުރެއް ކަމަށް ވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގެ ދައުރުގައި އެ ކޯލިޝަންގެ ހުރިހާ ގައުމުތަކުގެ އެއބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އެކަމަނާގެ މެސެޖްގައި ވެއެވެ.