ސުވާލަކަށްފަހު ސުވާލެއް

ގައުމީ މަޖިލިސް އިންތިހާބުގެ މިނިވަންކަން ގެއްލިއްޖެ

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަަމަށާ އެ އިންތިހާބުގެ މިނިވަންކަން މިހާރު ވެސް ގެއްލިފައިވާ ކަަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ބޮންޑެ ވިދާޅުވީ ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ނުފޫޒު ގަދަ ބޭފުޅުން މަސައްކަތް ކުރައްވަނީ ވަދެވުނު ގޮތަކަށް ގައުމީ މަޖިލީހަށް ވަދެވަޑަައިގަތުމަށްޓަކައި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ.

ގައުމީ މަޖިލީހަށް ނުކުންނަވައި ތިއްބެވި ބައެއް ބޭފުޅުންނަކީ ސަރުކާރާއި ރައްޔިތުންގެ ވިޔަފާރި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަަމަށާ އިންތިހާބާ ދިމާކޮށް އެ ކުންފުނިތައް ބަދަލުވެފައި ވަނީ "ރަށު ހޮޅުއަށި" ތަކަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެެ ކުންފުނިތަކުން ވަޒީފާ ދީ އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ބޮންޑާ ވަނީ ކުރިއަށް އޮތް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ވަރަށް ބޮޑަށް ދަނީ ނުފޫޒު ފޯރުވަމުން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އިންސާފުވެރި އިންތިހާބެއް ކަމަށް،"

ބޮންޑެ ވިދާޅުވީ މިހާރުވެސް އިންތިހާބުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އެމްޑީޕީގެ އާންމު މެންބަރުން ގަބޫލު ކުރާ ކަމަށެވެ. އަދި އިންތިހާބަށް ފައިސާގެ ނުފޫޒު ފޯރުވަމުން ވެސް ގެންދަވާ ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން ވޯޓް ހޯދަން އާންމުންގެ ކައިރިއަށް ގޮސް އޮޅުވާލަމުންދާ ކަަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ތާއީދު ކުރަނީ ބަރުލަމާނީއަށް ކަމަށާ ހުންނެވީ ރައީސް ނަޝީދާއެކު ކަމަށް ވިދާޅުވެ ދޮގު ހަދާ އޮޅުވާލާ ކަމަށެވެ. އަދި އެކަން ކުރަނީ އާންމު މެންބަރުންގެ ތާއީދު އަދިވެސް އޮތީ ނަޝީދަށްކަން އެ ބޭފުޅުންވެސް ގަބޫލު ކުރައްވާތީ ކަމަށް ވިދާޅުވިއެވެ.

"ކޮންގްރެސްގައި އިންތިހާއަށް ރައީސް ނަޝީދުގެ ތާއީދު އެބައޮތް،"

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ރާއްޖޭގެ އެކި ދާއިރާތަކުގައި ގާތްގަނޑަކަށް 300 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެމްޑީޕީން ބުނާ ގޮތުގައި އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 93،0354 މެމްބަރުނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ.