ލައިފްސްޓައިލް

11 އަހަރު ވަންދެން ކޮޓަރީގައި ގެންގުޅުނު ލޯބިވެރިޔާއާ ކައިވެނިކޮށްފި

އިންޑިއާގެ ކެރެލާގައި މިއަހަރު ތެރޭގައި ވަރަށް އާދަޔާޚިލާފު ލޯބީގެ ހާދިސާއެއް ހިނގާފައި ވެއެވެ. މި ހާދިސާގައި ފިރިހެނަކު އޭނާގެ ކޮޓަރީގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ލޯބިވެރިޔާ ފޮރުވައިގެން ގެންގުޅެފައި ވެއެވެ. އެ ގޭގައި އެ ފިރިހެންމީހާގެ މަންމަ އާއި އާއިލާގެ އެތައް ބަޔަކު އުޅެމުންދިޔައިރު ވެސް އޭގެން އެއްވެސް މީހަކަށް ފިރިހެންމީހާގެ ކޮޓަރީގައި އިތުރު މީހަކު އުޅޭ ކަމެއް ނޭނގެ އެވެ. މިހާރު މި ދެމީހުންގެ ކަންތައްގަނޑު ފަޅާއަރައި އެންމެ ފަހުން މިދިޔަ ބުދަ ދުވަހު ވަނީ ރަސްމީކޮށް ކައިވެނި ކޮށްފަ އެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި އަންހެންމީހާގެ މައިންބަފައިން ބައިވެރިވީ ނަމަވެސް ފިރިހެންމީހާގެ އާއިލާގެ މީހުން ބައިވެރިއެއް ނުވެ އެވެ.

އަލިންޗުވައްޓީ ރަހްމާން ކިޔާ މި ފިރިހެންމީހާ އަކީ ޕަލައްކަޅް އަވަށުގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ލޯބިވެރިޔާ ސަޖީތާގެ ހުންނަނީ ރަހްމާންގެ ގެޔާ 300 ވަރަކަށް މީޓަރު ދުރުގަ އެވެ.

ސަޖީތާގެ މައިންބަފައިންގެ ތިބެނީ ތިން އަންހެން ދަރިންނެވެ. ސަޖީތާއަކީ މެދަށް ހުންނަ ކުއްޖާ އެވެ. އެއް ދުވަހަކު ސަޖީތާ ގެއިން ނުކުމެގެން ދިޔައީ ރައްޓެހި ކުއްޖެއްގެ ގެޔަށް ދަނީ ކަމަށް ބުނެފަ އެވެ. އެ ދިޔަ ގޮތަށް އޭނާއެއް އެނބުރިއެއް ނާދެ އެވެ. އޭނާގެ މައިންބަފައިން އޭނާ ގެއްލިގެން ފުލުހުންނަށް ވެސް ރިޕޯޓު ކުރި އެވެ. އަދި ވަރަށް ގިނަ ދުވަސްވަންދެން އޭނާ ފެނޭތޯ ވަރަށް މަސައްކަތް ވެސް ކުރި އެވެ. އެ ގެޔާ އެހާ ކައިރީގައި ދަރިފުޅު 10 އަހަރު ވަންދެން ދިރިއުޅުނުއިރުވެސް އޭނާގެ މައިންބަފައިންނަކަށް ކުޑަކޮށްވެސް އެކަން ރޭކައެއް ނުލި އެވެ. އަދި އޭނާ ހޯދަން މުޅި އެ ސަރަހައްދު އަތްފުނާއެޅި ފުލުހުންނަށް ވެސް ސަޖީތާ ނުފެނުނެވެ.

ލޯބިވެރިޔާ ރަހްމާނާއެކު ސަޖީތާ 10 އަހަރު ވަންދެން ފިލައިގެން ރަހްމާންގެ ކޮޓަރީގައި ދިރިއުޅެފައި ވެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އެ ގޭގެ އެއްވެސް މީހަކަށް ސަޖީތާ އެ ކޮޓަރީގައި އުޅޭކަމެއް ނޭނގެ އެވެ. ރަހްމާން ހުންނަނީ އެ ކޮޓަރިއަށް މީހަކު ވަދެދާނެތީ ވަރަށް ރަނގަޅަށް ކޮޓަރީގެ ދޮރު ބަންދުކޮށް ކޮޓަރި ވަށައިގެން ކަރަންޓު ވައިރު ދަމައި އެ ވަޔަރަށް ކަރަންޓު ދީފަ އެވެ. އަދި އޭނާގެ ރުޅިގަދަކަމުން އެންމެންނަށް ރުޅި ބަލާތީ އެއްވެސް މީހަކަށް އޭނާގެ ކޮޓަރިއާ ކައިރިވާކަށް ނުކެރެ އެވެ.

މިގޮތަށް އުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން ކައިރި އެހެން އަވަށަކުން ގެއެއް ކުއްޔަށް ހިފައިގެން ސަޖީތާ ގޮވައިގެން ރަހްމާން އެ ގެޔަށް ސިއްރު ސިއްރުން ބަދަލުވީ އެވެ.

ރަހްމާންގެ ކޮއްކޮ ބަޝީރަކީ ޓްރަކް ޑްރައިވަރެކެވެ. ޖޫން 7، 2021 ގައި ބަޝީރަށް އޭނާގެ ބޭބެ ރަހްމާން ނެންމާރާ އަވަށުން މޮޓޯސައިކަލެއްގައި ދާތަން ފެނުނެވެ. އެއީ ރަހްމާނުމެންގެ އަސްލު ރަށް ކަމަށްވާ ޕައްކަޅްއާ 30 ކިލޯ މީޓަރު ދުރުގައި އޮންނަ އަވަށެކެވެ. އޭރު ރަހްމާން ގޭގެ މީހުން ދެކެ ރުޅިއައިސްގެން އެ ގެއިން ނުކުމެގެން ދިޔަތާ ހަތަރު ވަރަކަށް މަސް ވެއްޖެ އެވެ.

މިއަހަރުގެ މާޗް 10 ވަނަ ދުވަހު ރަހްމާން ގެއިން ނުކުމެގެން ދިޔައީ އެ ގޭގެ މީހުންނާ ކޮންމެވެސް ކަމަކާ އަރާރުންވެފައި ރުޅިހަދާފަ އެވެ. އޭގެ ފަހުން އޭނާ އުޅޭތަނެއް ނޭނގިގެން އާއިލާގެ މީހުން ތިބީ އޭނާ ހޯދަން ވަރަށް ބޭނުންވެފަ އެވެ.
އެހެންވެ ރަހްމާން ފެނުމުން ބަޝީރު އޭނާގެ ބޭބެ ފަހަތުން އޭނާ ދާތަނެއް ބަލަން ދިޔައީ އެވެ. އަދި ފުލުހުންނަށް ވެސް ރަހްމާން އުޅޭ ތަނެއް އެންގީ ބަޝީރެވެ.

ފުލުހުން އެގެއަށް ދިޔައިރު އެ ގޭގައި އަންހެނަކު ހުރުމުން އެއީ ކާކުތޯ ރަހްމާނާ ސުވާލު ކުރި އެވެ. ރަހްމާން ބުނީ އެއީ އޭނާގެ އަންހެނުން ކަމަށާއި އަންހެންމީހާގެ އުމުރަކީ 35 އަހަރު ކަމަށެވެ.

ނަމަވެސް އިތުރަށް ސުވާލުކުރުމުން އެއީ މީގެ 11 އަހަރު ކުރިއްސުރެ ގެއްލިގެން ހޯދާ ސަޖީތާ ކަން ފުލުހުންނަށް ޔަގީންވި އެވެ. އެތައް ދުވަހެއް ވަންދެން ފުލުހުން މުޅި ހިސާބުގަނޑު ހޯދިއިރުވެސް އެމީހުންނަށް ވެސް ސަޖީތާ ނުފެނުނެވެ. ސަޖީތާގެ މައިންބަފައިންނަށް ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ރަހްމާން ހިމެނުނު ނަމަވެސް ފުލުހުން ރަހްމާނާ ކުޑަކޮށް ސުވާލު ކޮށްލާފައި ދޫކޮށްލީ އެވެ. ރަހްމާން ދިރިއުޅެނީ މައިންބަފައިންނާ އެކުގައި ކަމަށް ވާތީ އޭނާއާ އެކު ސަޖިތާ ދިރިއުޅެފާނެ ކަމަކަށް ފުލުހުން ވެސް އޭރު ޝައްކެއް ނުކުރެ އެވެ.

ސަޖީތާ ގޮވައިގެން 10 އަހަރު ވަންދެން ރަހްމާން އޭނާގެ ގޭގައި ދިރިއުޅުނުކަން ގަބޫލުކުރަން އަދިވެސް އޭނާގެ އާއިލާގެ މީހުންނަށް ދައްޗެވެ. ތިން ކޮޓަރި ހުންނަ އެ ގޭގައި ރަހްމާނާއި އޭނާގެ މަންމަ އަދި އަންހެން ކޮއްކޮ އަކާއި ފިރިހެން ކޮއްކޮގެ ދިރިއުޅެމުން ދިޔަ އެވެ. ގޭގައި ހުންނަނީ އެންމެ ފާޚާނާ އެކެވެ. އެ ފާޚާނާ ހުންނަނީ ކޮޓަރިތަކާ ވަކިން ބޭރުގަ އެވެ.
އެ ގޭގެ ކޮޓަރީގައި ސަޖީތާ ދިރިއުޅުނު 10 އަހަރު ވެސް އޭނާ ފާޚާނާ ކުރަން ނުކުންނަނީ އެ ގޭގެ އެންމެން ނިދީމަ އެވެ. ނުވަތަ ބޭރަށް ދިޔައިމަ އެވެ.

ސަޖީތާ ބުނި ގޮތުގައި ރަހްމާންގެ ކޮޓަރީގައި އުޅުނުއިރު ދުވާލުގަޑީގައި ފާޚާނާކުރަނީ ޕްލާސްޓިކް ކޮތަޅަށެވެ. އަދި އެއްޗެތި ދޮވެފައި އަޅަނީ ކޮޓަރި ތެރޭގަ އެވެ. ޓީވީ ބަލަނީ އިއާފޯނެއް ޖަހައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މަގޭ ފިރިމީހާ އޭނާއަށް ވީ ކާއެއްޗެތި ގެނައުން ދެ މީހުން ވެގެން ކަނީ. ހުން އައިމަ ކާން ޕެރެސެޓެމޯލް ގަނެފަ ހުންނަނީ. ދިހަ އަހަރު ތެރޭ މާ ބޮޑު ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވޭ،" ސަޖީތާ ބުންޏެވެ.

ފުލުހުން ސަޖީތާ އާއި ރަހްމާން ކޯޓަށް ހާޒިރު ކުރުވުމުން ކޯޓުގައި ރަހްމާން ބުނީ އޭނާ އާއި ސަޖީތާގެ ލޯބީގެ ގުޅުމަށް އާއިލާއިން ހުރަސް އަޅާފާނެތީ ބިރުގަން ކަމަށެވެ.

ދެމީހުންނަކީ ބޮޑެތި މީހުންނަށް ވާތީ ކޯޓުން އެމީހުން އެކުގައި ދިރިއުޅުން މަނަލެއް ނުކުރި އެވެ. އެހެންވެ އެމީހުން އަވަހަށް ކޯޓު މެދުވެރިކޮށް ކައިވެނިކޮށްލީ އެވެ.